ދުނިޔޭގެ އާބާދީ ފަސް ބިލިއަނަށް އަރާން އެތައްހާސް އަހަރެއް ނެގިއެވެ. އާބާދީ މި އަދަދަށް ރެކޯޑް ކުރެވުނީ 1987 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ އެންމެ 32 އަހަރު ފަހުން، ދުނިޔޭގެ އާބާދީ މިވަނީ އަށް ބިލިއަނަށް އެރުމާއި ގާތްކޮށްފައެވެ. މިފަދަ ހަލުވި ދުވެއްޔެއްގައި އާބާދީ އިތުރުވާން ފެށުމަކީ އދގެ ކަންބޮޑުވުންތައް މިކަމަށް އަމާޒުވި ކަމެކެވެ.

ދުނިޔޭގެ އާބާދީ އިންތިހާއަށް އިތުރުވަމުން ދިއުމާއި ގުޅިގެން ކުރިމަތިވާ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރާން އދއިން ފެށީ 1989 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އާބާދީ މިހާރު އޮތީ 7.7 ބިލިއަނުގައެވެ. އަދި، 2050 ވަނަ އަހަރުގެ ކުރީން މި އަދަދު އިތުރު 2 ބިލިއަނަށް އިތުރުވާނެއެވެ. އާބާދީ ބޮޑުވުމުގެ ސަބަބުން މިހާރުވެސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާއިރު، 2050 ވަނަ އަހަރުގެ ކުރީން މި މައްސަލަތައް އިތުރަށް ގޯސްވެގެންދާނެއެވެ. ބައެއް ތަފާސްހިސާބުތަކަށް ބަލައިލާއިރު، 2010 ވަނަ އަހަރުން ފެށިގެން 27 ގައުމެއްގެ އާބާދީވަނީ ދަށަށް ގޮސްފައެވެ. ސަބަބަކީ، ދަރިމައިވުމުގެ މިންވަރު ދަށްވުމެވެ. މި ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ޖަޕާނު ހިމެނެއެވެ.

ނަމަވެސް، ބައެއް އެހެން ގައުމުތަކުގައި އާބާދީވަނީ އިންތިހާއަށް އިތުރުވެފައެވެ. މިކަން އެންމެ ބޮަޑަށް ފާހަގަވެގެންދަނީ އެފްރިކާގެ ގައުމުތަކުންނެވެ. 2050 ވަނަ އަހަރު ކުރީން އެފްރިކާގެ ގައުމުތަކުގެ އާބާދީ ދެގުނައަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

2050 ވަނަ އަހަރުގެ ކުރީން ދުނިޔޭގެ އާބާދީއަށް އިތުރުވާނެ ކަމަށް ބެލެވޭ 2 ބިލިއަން މީހުންގެ ތެރެއިން 1 ބިލިއަން ނިސްބަތްވާނެ ކަމަށް ބެލެވެނީ އެންމެ ނުވަ ގައުމަކަށެވެ. މީގެ ތެރެއިން ފަސް ގައުމެއް ހިމެނެނީ އެފްރިކާ ބައްރުގައެވެ.

އެ ގައުމުތަކުގެ ތެރޭގައި ނައިޖީރިއާ، ކޮންގޯ، އިތިއޯޕިއާ، ޔުގާންޑާ އަދި ޓެންޒޭނިއާ ހިމެނެއެވެ. އަނެއް ބިލިއަނެއްހާ މީހުން ނިސްބަތްވާނެ ކަމަށް ބެލެވެނީ އިންޑިއާ، ޕާކިސްތާން، އިންޑޮނީޝިއާ، މިސުރު އަދި އެމެރިކާއަށެވެ.