ދައުލަތުން ބަލަހައްޓަމުން ގެންދާ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި އެ ވުޒާރާގެ ދަށުން ހިންގަމުންދާ ބައެއް މުއައްސަސާތަކުގެ އިސްފަރާތް ތަކާއި ނާއިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ، ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިތުރަށް ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ، ގުރައިދޫ މަރުކަޒާއި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ ކަންކަން މިހާރު ކުރިޔަށްގެންދާ ގޮތާއިބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މީގެ އިތުރަށް އެތަންތަނުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އަދި އެކަންކަންކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޮޅުންފިލުއްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުންގެ ކަންކަން ވީހާވެސް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިޔަށް ގެންދިއުމާއި އަދި ކުޑަކުދިންނަށް ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަތަން ދަސްކޮށްދިނުން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރަށް ރަށްރަށުގައި ތިބި ދާއިމީ ބަލިތަކުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް އެފަދަ ބޭސް ލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ނައިބު ރައީސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.