ކުރިމިނަލްކޯޓުގައި ރައީސް ޔާމީނާއި ދެކޮޅަށް ހިނގަމުންދާ ޝަރީއަތުން އެނގިގެން ދިޔައީ ރައީސް ޔާމީނުގެ ސާބިތުކަން ކަމުގައި، ޕީއެންސީގެ ރައީސް އަބުދުއްރަހީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ، ޕީޕީއެމް ޕިއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަބުދުއްރަހީމް ވިދާޅުވީ މީގެ ކުރިންވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ޝަރީއަތްތަކަށް ހާޟިރުކުރުމުން ކަންހިގައިގެން ދިޔައިގޮތް އޭނާ ދެކެވަޑައިގެންފައިވާ ކަމަށެވެ.

އަދި ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުން ތިއްބަވަނިކޮށްވެސް ރައީސް ޔާމީނު އެމަނިކުފާނު އަމިއްލަފުޅު ދިފާއުގައި ތެދުވެ ވަޑައިގެން ވާހަކަފުޅު ދެއްކެވުމަކީ އެމަނިކުފާނުގެ ހިއްވަރު ފެނިގެން ދިޔަ ކަމެއް ކަމުގައި އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމު ވިދާޅުވީ، ރައީސް ޔާމީނަކީ އެބޭފުޅުން ބޭނުންވާފަދަ ލީޑަރެއް ކަމަށެވެ.

އަދި ރައީސް ޔާމީނަށް ދައުވާކޮށް ޝަރީއަތްތައް ހިންގަނީ، ސިޔާސީ ގޮތުން ރައީސް ޔާމީނު ހުއްޓުވުމަށް ކަމުގައި އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރަނީ މިސަރުކާރުގައި ހުރި މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީނާއި އެކު ޕީޕީއެމާއި ޕީއެންސީން ރެލީތަކާއި ހަރަކާތްތައް ބާއްވައި ކަންކަން ހިނގަމުންދާގޮތް ރައްޔިތުންނަށް ކިޔައިދޭނޭ ކަމުގައި އަބުދުއްރަހީމް ވިދާޅުވިއެވެ.

މިގޮތުން އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ މާލޭގައި ރެލީއެއް ބާއްވާނެ ކަމަށާއި އަދި ވަރަށް އަވަހަށް ހއ އަތޮޅުގައިވެސް ހަރަކާތްތައް ބާއްވާނެ ކަމުގައި އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ، އެދެޕާޓީގެ ހަރަކާތްތައް މިހާރު އަމާޒުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކަމަށެވެ.