ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިހުގެ ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ރަން މެޑަލް ހޯދައިފި އެވެ.

މިއީ އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމަކުން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ. މީގެ ކުރިން މި ގޭމްސްގައި އަންހެން ޓީމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ.

މޮރިޝަސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ރާއްޖެ މޮޅުވީ 3-2 ގޭމުންނެވެ.

މޮރިޝަސްއާ ދެކޮޅަށް ފުރަތަމަ ކުޅެން ނުކުތީ ރާއްޖޭގެ ފާތިމަތު ދީމާ އަލީ އެވެ. މި މެޗުން ދީމާ ބަލިވީ 3-1 އިންނެވެ. މި މެޗު ދިޔައީ 9-11، 2-11، 12-10 އަދި 6-11 އިންނެވެ. ފުރަތަމަ މެޗުން ދީމާ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ މޮޅު ކުޅުމެއް ދައްކާ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗު ރަފާ ކާމިޔާބުކުރީ 3-2 އިންނެވެ. މެޗު ދިޔައީ 9-11، 12-10، 11-7، 3-11 އަދި 11-9 އިންނެވެ.

ތިންވަނަ މެޗުގައި ކުޅެން ނުކުތީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދެވެ. މި މެޗުން މުއީނާ ވަނީ ބަލިވެފައެވެ. މި މެޗު ދިޔައީ 1-11، 8-11 އަދި 12-14 އިންނެވެ. ހަތަރުވަނަ މެޗުގައި ރާއްޖޭގެ ދީމާ ވާދަކުރިއިރު، ދިމާ ވަނީ މި މެޗު 3-1 އިން ކާމިޔާބުކޮށް ރާއްޖެއަށް އުންމީދު އާކޮށްދީފައެވެ. މި މެޗު ދިޔައީ 7-11، 11-6، 11-5 އަދި 11-6 އިންނެވެ.

ނަތިޖާ ނެރުމަށް ކުޅުނު ފެހު މެޗާ ކުރިމަތިލީ ރާއްޖޭގެ ރަފާ އެވެ. ރަފާ ވަނީ މި މެޗު 3-1 އިން ކާމިޔާބުކޮށްފައެވެ. މި މެޗު ދިޔައީ 11-6، 11-5، 10-12 އަދި 13- 11 އިންނެވެ.

މި މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޑައިގެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތަރުހީބުދެއްވެވި އެވެ.