ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، ހޮންގްކޮންގެ މަގުތަކަށް އެތައްހާސް ބަޔަކު ނުކުމެއްޖެއެވެ.

މަގުތަކަށް ނުކުތް މީހުން ގެންދަނީ، ޑިމޮކްރަސީއަށް ގޮވާލައި ހޮންގްކޮންގައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ފުލުހުން އަނިޔާވެރިކަން އިސްކުރަމުންދާ މައްސަލަ ތަހްގީގު ކުރުމަށް ގޮވާލަމުންނެވެ.

މިއަދުގެ ހިނގާލުމަށް މީހުން އެއްވެފައިވަނީ ހޮންގްކޮންގެ ވިކްޓޯރިއާ ޕާކަށެވެ. އެތަނުން އެމީހުން ދިޔައީ ވަން ޗައިއަށެވެ.

މުޒާހަރާގެ ބައިވެރިން ފުރަތަމަ މިސްރާބުޖެހީ ދެ ރޭލު ސްޓޭޝަނަކާ ދިމާއަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް ބުނެ ފުލުހުންވަނީ ހިނގާލުމުގެ ބައިވެރިން ރޭލު ސްޓޭޝަން ތަކާ ދިމާއަށް ދިއުމުގެ ހުއްދަ ނުދީފައެވެ.

އެކަމަކު، ފުލުހުންގެ ދެކޮޅު ހެދުމާއެކުވެސް ހިނގާލުމުގެ ބައިވެރިންވަނީ، ހިނގާލުން އިންތިޒާމުކުރި ފަރާތްތަކުން ކަނޑައެޅި ހިސާބަށް ވުރެންވެސް ދުރަށް ގޮސްފައެވެ.

އެގޮތުން، ހިނގާލުމުގެ ބައިވެރިންވަނީ ހޮންގްކޮންގ ސަރުކާރުގެ އޮފީސްތައް ހުންނަ މައި އިމާރާތް ހުންނަ ސަރަހައްދު ހިސާރު ކުރުމަށްފަހު، ހޮންގްކޮންގެ މެދުތެރޭގައި ހުންނަ އެޕީލް ކޯޓާ ހަމައަށް ދާން މަސައްކަތް ކޮށްފައެވެ. އަދި އެމީހުން ވަނީ ބެއިޖިންގެ ލައިޒަން އޮފީހާ ހަމައަށްވެސް ގޮސްފައެވެ.

ހިނގާލުމުގެ ބައިވެރިން މިއަދުވެސް ތިބީ މާސްކް އަޅައި އަދި ކުޑަ ހިފައިގެންނެވެ.

މިއަދުގެ ހިނގާލުން އިންތިޒާމުކުރި ސިވިލް ހިއުމަން ރައިޓްސް ފްރަންޓްގެ ވައިސް ކޮންވީނަރ ބޯނީ ލިއަންގް ވިދާޅުވީ، ފުލުހުން ގެންދަނީ ގާނޫނުން އެމީހުންނަށް ލިބިގެންވާ ބާރުގެ ބޭރުން، ނަހަމަ ބާރުގެ ބޭނުންކޮށް އަނިޔާވެރިކަން އިސްކުރަމުން ކަމަށެވެ. އެހެންކަމުން، މިއަދުގެ ހިނގާލުމަކީ އެ މައްސަލަތައް ތަހްގީގު ކުރުމަށް ގޮވާލުމަށް އިސްކަން ދީގެން ބާއްވާ ހިނގާލުމެއް ކަމަށެވެ.