އައްޑޫގައި ކުރިޔަށްދާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގެ ދެވަނަ މެޗު ލެޓްވިއާ ކާމިޔާބުކޮށްފިއެވެ. އެޓީމު މި މެޗު ކާމިޔާބު ކުރީ މިއަދު ހަވީރު ސައުދީއަރަބިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެޓީމުގެ ކުރިމަތިލުމުގައި ސައުދީ ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ އިތުބާރުބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލެޓްވިއާގެ އިސްކޮޅުން ދިގު ދިފެންސް ފޫއަޅުވާލުމަށް ފަހު ވަލީދު އަލް ހަރާބީއެވެ.

ސައުދީން ލަނޑެއް ޖެހި ނަމަވެސް ލެޓްވިއާ އިން މެޗުގެ ކޮންޓްރޯލް ހޯދައި ފުރަތަމަ ހާފްގައި ވަނީ ދެ ލަނޑު ޖަހައި މެޗުގެ ކުރިހޯދާފައެވެ. ފުރަތަމަ ހާފްގައި އެޓީމު ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިދިނީ ކްރިސްޓަސް އެވެ. އެޓީމުގެ ދެވަނަ ލަނޑަކީ ސައުދީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ކޮންޓްރޯލް ކުރީ ލެޓްވިއާ އިން ނެވެ. އެޓީމުން ވަނީ ފުރަތަމަ ހާފާއި އެއްގޮތައް މި ހާފްގައި ވެސް ވަރަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށް ސައުދީ ގޯލަށް ނުރައްކާކޮށްފައެވެ.

ލެޓްވިއާގެ ތިން ވަނަ ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ބްރޫނޯ މެލްނެސް އެވެ. އެޓީމުގެ ފަހު ލަނޑު 46 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކްސް އެވެ. މެޗުގައި ސައުދީ ޓީމަށް އިތުރު ނުތަނަވަސް ކަމާއި ކުރިމަތިލާން ޖެހުނީ މުޙައްމަދު މޫސާއަށް ރެފްރީ ޝިފާން ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުނެވެ. އޭނާއަށް ކާޑު ދެއްކީ ލެޓްވިއާގެ ކުޅުންތެރިއަކު ވެއްޓިފައި ވަނިކޮށް ހަމަލާ ދިނުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލެޓްވިއާގެ ކޯޗު ބުނީ މި މޮޅަކީ ވަރަށް މުހިންމު މޮޅެއް ކަމަށާއި ކުރިޔަށް ހުރި މެޗުތައް ވެސް ފަސޭހަކޮށް ނުނަގާނެ ކަމަށެވެ. މިއަދުގެ މޮޅާއެކު ޓީމަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެންގޮސްފައިވާ ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

ސައުދީ ކޯޗު ބުނީ ޓީމުގެ ފަރާތުން ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށާއި މެޗު ގެއްލުނު ނަމަވެސް ފައިނަލްގެ އުންމީދު ބޮޑު ކަމަށެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންގާރަ ދުވަހުއެވެ. އެދުވަހު ބައްދަލު ކުރާނީ ސައުދީއަރަބިއްޔާ އާއި ރާއްޖެ އެވެ.