ސިނާއީގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި ސައިންސާއި ޓެކްނޮލޮޖީ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް މިހެން ވިދާޅުވީ ހިރިޔާ ސުކޫލުގެ ސައިންސް ފެެއަރ "ސޮލިއުޝަން ސްކޮޑް" އަދި ހިރިޔާ ސުކޫލަށް 10 އަހަރު ފުރުމުގެ މުނާސަބަތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީ އަކީ ތަރައްގީގެ ހިތް ކަމަށެވެ. އަދި އެކަން ސިނާއީގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ. މިނިސްޓަރ މަލީހު ވިދާޅުވީ ޓެކްނޮލޮޖީ އަކީ މިއަދު ދުނިޔޭގައި އާއްމު ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދީ، އަދި އިންސާނުންގެ މަސައްކަތްތަކުގެ އުނިކަން ފޫބައްދަދޭ މުހިންމު ވަސީލަތެއް ކަމަށެވެ.

އެހެންކަމުން ޓެކްނޮލޮޖީގެ ވަސީލަތްތައް ވެގެން ގޮސްފައި ވަނީ ސިނާއީގޮތުން ޤައުމުތައް ކުރިއަރައި ދިއުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެކައްޗަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.