މިޖުލައި މަހުގެ 21 ވަނަ ދުވަހަކީ، އިންސާނަކު ހަނދުގައި އެންމެ ފުރަތަމަ ފިޔަވަޅެއް އެޅިތާ، 50 އަހަރު ފުރުނު ދުވަހެވެ. މިއީ މިހާތަނަށް އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންސާނަކު ދުނިޔެ ނޫން ބިމެއްގައި ހިނގި ފުރަތަމަ ފަހަރެވެ. މިތާރީޚީ ކާމިޔާބީގައި ދުނިޔޭގެ 72 ޤައުމަކުން ބައިވެރިވެ ހަނދަށް އެޤައުމުތަކުގެ ފަރާތުން ދިދަ އާއި މެސެޖުތައް ފޮނުވިއެވެ.

މިގޮތުން ޖައްވީ ދިރާސާތަކުގެ މިތާރީޚީ ކާމިޔާބާއި ގުޅޭ ޤައުމީ އަރުޝީފުގައިވާ ލިޔެކިޔުންތަކުެ މައުލޫމާތު ޤައުމީ އަރުޝީފުގެ ފަރާތުން މިއަދު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. މީގެ ތެރޭގައި ދިވެހިންގެ ފަރާތުން ހަނދަށް ގެންދެވި ހަނދުގެ ސަތަހައިގައި ބޭއްވި ފައިވާ މެސެޖުވެސް ހިމެނެއެވެ.

ހަނދަށް ދިވެހިން ފޮނުވި މެސެޖުގެ އިބާރާތުގެ ތަރުޖަމާއަކީ، " ސުލްހަޔާއި ހެޔޮއެދުންތަކުގެ މިމެސެޖް އަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފޮނުވި މެސެޖް އެކެވެ. މި ގެނެވުނީ ދުނިޔެއިން އެންމެ ފުރަތަމަ، ހަނދުގައި ފައިތިލަޖެއްސި މީހުންގެ ޒަރީއާއިންނެވެ." މިއެވެ.

ދިވެހިރާއްޖޭގެ އޭރުގެ ނޫހެއް ކަމުގައި ވިޔަފާރި މިއަދުގައިވާ ގޮތުން، ހަނދަށް ދޫކޮށްލާފައިވާ ދިވެހިންގެ މެސެޖުވެސް ލިޔެފައި ވަނީ، އެމެރިކާގެ 50 ސެންޓުގެ ފައިސާ ފޮއްޗަކާއި އެއްވަރު ސިލިކަން ފޮއްޗެއްގައެެވެ. ހަނދުގައި ބޭއްވުނު ދުނިޔޭގެ އަނެއް 71 ޤައުމުގެ މެސެޖުވެސް ވަނީ ހަމަ އެގޮތަށް ހަނދުގައި ބޭއްވިފައެވެ.

މީގެ އިތުރުން ހަނދަށް އިންސާނުން ފޮނުވުމުގެ ތަމްރީންތަކުގެ ތެރޭގައި މަރުވެފައިވާ ފަސް އެސްޓްރޮނޯޓުންނަށް ލިބިފައިވާ މެޑަލް ތަކާއި، ބިންހެލުން ރެކޯޑު ކުރާ މީޓަރަކާއި، ލޭޒަރ މިރަރ ތަކެއް ހަނދުގެ ބިންގަނޑުގައި ވަނީ ބެހެއްޓިފައެވެ.

އިންސާނުންގެ ތެރެއިން އެންމެ ފުރަތަަމަ ހަނދުގައި ފައިތިލަ ޖެއްސީ އެމެރިކާގެ މީހުން ކަމަށްވާތީ، 21 ޖުލައި 1969ގައި ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ނާޞިރު ވަނީ، އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން އަށް ތަހުނިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.