ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅި މައްސަލައިގައި އަލުން ވިސްނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީއަށް ޝަރީފް ހާޒިރުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދޮގު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިމައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ޝަރީފްގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކެވީ އޭރު ކޮމިޓީއަށް ވަޑައިގެންނެވިއިރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ސިޓީގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި ކޮމިޓީ ބައްދަލުވުމަށްފަހު، ސޯޝަލް މީޑިއާގައި އެ މައްސަލައާއި ގުޅޭ ބައެއް ބޭންކް ޗެކްތައް ދައުރުވެފައިވާ ކަމަށާއި، އަދި އެ ޗެކްތައް އެބޭފުޅާއަށާއި، ބޭންކުގެ އޮފިޝަލުންނަށް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ޗެކްތައް އިތުރަށް ބެލުމަށްފަހުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ފޮނުއްވާނެ ކަމަށް ސިޓީގައި ބަޔާންކުރައްވާފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭނުމަކީ މަޖިލީހުގައި ބޭފުޅުން ވާހަކަދައްކަވާއިރު ތެދުބަހުން ވާހަކަދެއްކެވުމަށް ބާރުއެޅުއްވުން ކަމަށާއި، މީހަކަށް އުގޫބާތެއް ދިނުން ނޫން ކަމަށެވެ. އަދި މީހެއްގެ މައްޗަށް ތަހުގީގެއް ހިންގުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ ބޭންކް އޮފް މޯލްޑިވުސްގެ އޮފިޝަލް މިހާރު މި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މަސައްކަތަށް އެ މާލިއްޔަތު ކޮމެޓީ އެދޭގޮތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ އަދި ތެދުބަހުން ވާހަކަދައްކަވަމުން ގެންދަވާނެ ކަމަށް އެބޭފުޅާގެ ސިޓީފުޅުން އަޅުގަނޑަށް އެބަ ވަރަށް ސާފުވޭ. އެހެންވީމާ އަޅުގަނޑު ގަސްދުކުރަން މާލިއްޔަތު ކޮމެޓީގެ މުގައްރިރާ ވާހަކަދެއްކުމަށްފަހު މި މަޖިލީހުގެ ފަރާތުން ފުލުސް އޮފީހުގައި އެދިފަވާ އެދުމާ ގުޅޭގޮތުން އަލުން އަނބުރާ އަޅުގަނޑުމެން ވިސްނުމަށް." ނަޝީދު ވިދާޅުވި އެވެ.