ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވަޒީރުންނާއި ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަކީ ވަޒީރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ހާޒިރުކޮށް މެންބަރުން އެކަމަނާއާ ސުވާލުކުރައްވަމުން ގެންދަވަނިކޮށް އެކަމަނާ ދެއްވި ޖަވާބަކާ ގުޅިގެންނެވެ.

ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު މިނިސްޓަރާ ކުރެއްވީ ވިލިފުށީގައި އަޅަމުންދިއަ ހައުސިން ޔުނިޓްގެ މަސައްކަތްތައް ފެށިފައިވާ ތާރީހާއި އެމަސައްކަތްތައް ހުއްޓާލީ ކޮން ތާރީހެއްގައިތޯ ކުރެއްވި ސުވާލާއި ގުޅިގެން މިނިސްޓަރ އާތިފާ ދެއްވި ޖަވާބާއި ގުޅިގެންނެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ތ. ވިލިފުށީގައި އިމާރާތްކުރަން ހަމަޖެހުނު 100 ހައުސިން ޔުނިޓުގެ އެއްބަސްވުން ބާތިލްކުރުމަށްފަހު ނޫމަޑީގެ ފަރާތުން، އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އަދި އާބިޓްރޭޝަންގައި އެ މައްސަލަ ހިނގަމުންދާތީ އެކަމާއިގުޅޭ އެންމެހައި މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަަށް ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމަށެވެ. އެހެންކަމުން އާބިޓްރޭޝަނާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ތެރެއިން ހާމަކުރެވެން ނެތްކަމަށް އޭޖީ އޮފީހުން ލަފާދެއްވާފައިވާކަމަށެވެ.

މިނިސްޓަރު އާތިފާ ދެއްވި ޖަވާބާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 65، އަދި 66 ވަނަ މާއްދާގައި މަޖިލީހުގައި ވަޒީރުން އަމަލުކުރައްވަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަޒީރުން މަޖިލީހާއި އެކުގައި މަސައްކަތްކޮށްދެއްވުމަށާއި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ޝަރީއަތުގައިވާ އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމުގެ ވާހަކަތައް ސިއްރުކުރުމާއި ނުދެއްކުމަކީ މަޖިލީހަށް ގާނޫނުއަސާސީގެ ހަމަތަކުގެމަތިން ނިންމި ދާނެ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާއި ގުޅޭ މުހިއްމު މައްސަލަތަކުގައި ވަޒީރުންގެ ފަރާތްޕުޅުން މަޖިލީހަށް ޖަވާބު ލިބިވަޑައިނުގަތީ ދެރަކަމެއް ކަމަށެވެ. މަޖިލީހުގައި މެންބަރުން ވަޒީރުންނާ ކުރައްވަނީ އެ މެންބަރުންގެ އަމިއްލަ ސުވާލުތަކެއް ނޫން ކަމަށާއި، އެއީ އެބޭފުޅުން ތަމްސީލުކުރައްވާ ރައްޔިތުން ކުރަން އެދޭ ސުވާލުތައް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެއީ ވަޒީރުންނަށް ކުރިމަތިކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަކީ ރިޔާަސަތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް ރިޔާސަތުން ވަނީ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ކުރައްވާ ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވާތީ އެހެން ނެހެއްދެވުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.