ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ބުނިނަމަވެސް، އެއްވެސް މަސައްކަތެއް އަވަސްއަރުވާލައިގެން ނުކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ބަލަންޖެހޭ ބެލުންތައް ބަލައި، ކުރަންޖެހޭ ދިރާސާތައް ކޮށްފައި ނޫނީ ބަޖެޓްގައި ފައިސާ ހުރި ކަމުގައިވިޔަސް ތަރައްގީއަށް ކުރަންޖެހޭ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކޯޒްވޭފަދަ މަސައްކަތްތަކަކީ ވަރަށް ފަސޭހަ ކަމެއްކަމުގައި ބައެއް މީހުންނަށް ހީވެދާނެ ކަމަށާއި، އެހެންނަމަވެސް ބައެއް މަސައްކަތްތަކަކީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މިފަދަ މަސައްކަތްތަކަކީ ޤުދުރަތީ މާހައުލާއި ގުޅިފައިވާ ކަމެއްކަމުން، އެއީ ރަނގަޅަށް ދިރާސާކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގިނަ ފަހަރަށް ކަމެއް ކޮށްލާފަ އެކުރާކަމެއްގެ ސަބަބުން ނުކުންނަ ނަތީޖާވެސް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފަ ހުރީ. ބަޖެޓްގައި ހަމަޖެހިފަ ހުރި އެއްވެސް މަސައްކަތެއް އެއީ އަޅާނުލާ ދާނެ މަސައްކަތެއް ނޫން. އެހެންނަމަވެސް ރަގަޅަށް ޑިޒައިންކޮށްގެން ކުރާ މަސައްކަތެއްނަމަ އެކަމަށް ބަލަންޖެހޭ ބެލުންތަކެއް ބަލާފައި ނޫނީ މަސައްކަތް ނުފަށާނެ. ބޮޑުމަސައްކަތެއް އަޅުގަނޑަށް ފާހަގަކުރެވިފައެއް ނެތް ލާރި ހުރެގެން އެ މަސައްކަތެއް މިހާތަނަށް އެޓެންޑް ނުކޮށް ހުރި މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓްގައި ހެދުމަށް ކަނޑައަޅާފައިވާ ކޯޒްވޭތައް ހެދުމަށްޓަކައި މިހާރު ވަނީ ކޮންސަލްޓެންސީ ޑިޒައިންކުރުމަށް އިއުލާންކޮށްފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ކޯޒްވޭ ހެދުމަށް މިއަހަރުގެ ބަޖެޓްގައި ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފަ އެވެ. މިގޮތުން ކޯޒުވޭއިން ގުޅާލުމަށް ނިންމާފައިވަނީ މ. މުއްޔާއި ނާލާފުށި، ތ ވޭމަންޑޫ އާއި ކިނބިދޫ، ލ. ހިތަދޫ އާއި މެންދޫ އާއި ކުނަހަންދޫގެ އިތުރުން، އެއަތޮޅު ކަލައިދޫ އާއި ދަނބިދޫ އެވެ. މީގެ އިތުރުން މަޑަވެއްޔާއި ހޯޑެެއްދޫގެ ކޯޒްވޭވެސް ހިމެނެ އެވެ.