އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ ބަދަލުގައި 10،000 ރުފިޔާ ދިނުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލް މަޖިލީހުން ބަލައިނުގަނެ، ބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ ތަޅުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާޙު ހުށައެޅުމުގެ ބިލް ހުށައަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. މި ބިލް މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލުމަށް ފާސްކުރި ވޯޓުގައި ބައިވެރިވެފައިވަނީ 61 މެމްބަރެކެވެ. އަދި މިބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލެވިފައިވަނީ 58 މެމްބަރެއްގެ އަގުލަބިއްޔަތުންނެވެ. މިބިލަށް ވަކި ގޮތަކަށް ވޯޓު ނުދެއްވަން ތިނަ މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، މި ބިލް ބަލައިގތްކަމަަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ޖާށިދޫ ދާއިރާގެ މެމްބަރު މިބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވަނި ޖުލައި މަހުގެ 16 ވީ އަންގާރަ ދުވަހުއެވެ. އެހެންނަމަވެސް މިބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމާއެކު މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފައިވާ ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުން ޖާބިރަށް ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން ޖާބިރު ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ދައުލަތުން ފައިސާ ހަރަދުކުރަންޖެހޭ މިފަދަ ބިލްތައް މަޖިލީހަށް ހުށަހަޅަންވާނީ ގައުމުގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކުުރުމަށްފަހު ހަރަދުތައް ދެކޮޅު ޖެއްސޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހެޔޮއެދޭކަން ދެއްކުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް މަހަކު 10،000 ރުފިޔާ ދިނުމަށް ޖާބިރު އިސްލާހު ހުށަހެޅުއްވިއިރު ޖާބިރުގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެތައް ފައިސާ ނުދައްކާ އެބަހުރި ކަމަށެވެ. އަދި ޖާބިރުގެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށްވެސް ޝަހީމް ވަނީ ތުހުމަތުކުރައްވާފަ އެވެ.

މީގެ އިތުރުންވެސް ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ޖާބިރު ހުށައެޅި ބިލަށް އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ފާޑު ވިދާޅުވެފައިވެއެވެ.