ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނަށް މަޖިލީހުން ރުހުންދިނުމުގެ ބަދަލުގައި އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ ދެއްވުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަނިކޮށެވެ. އެހެންކަމުން އެންއައިސީގެ ނަންތައް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ މެދު މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް މަޖިލީހުގެ ތަޅުމުން ނިންމުމަށެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ މެދު ގޮތެއް ނިންމުމަށް ކޮމިޓީ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހެޅުއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވަނީ އެންއައިސީގެ މެންބަރު ކަމަށް އަލުން ކުރިމަތިލާން ހުޅުވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުން ލަފާ އަރުވަން ހުށަހަޅުއްވާފަ އެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ތާއީދުކުރެއްވުމުން ރިޔާސަތުން ވަނީ އެ ހުށަހެޅުމަށް ވޯޓަށް އަހާފަ އެވެ. އާޒިމުގެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީގެ ރައީސް ކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެންއައިސީގެ މެންބަރު ކަަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު ރުކްޝާނާއި އިބްރާހީމާއި އެންއައިސީގެ ކުރީގެ ރައީސް ޔޫސުފް މާނިއު އާއި ކުރީގެ ސަފީރު އައިޝަތު ސެހެނާޒު ވެސް ހިމެނެ އެވެ. މީގެތެރެއިން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ ރުކްޝާނާ އަށެވެ.

އެންއައިސީގައި މިވަގުތު މެންބަރުންގެ ގޮތުގައި ތިއްބެވި ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި، ނައިބް ރައީސް ހައްސާން ހަމީދާއި، މެންބަރު އަހްމަދު އަމީންގެ އިތުރުން މެންބަރު ހަދީޖާ އަބްދުﷲ އެވެ.

އެންއައިސީއަށް ކުރިމަތިލާން އަލުން ހުޅުވާލަން މަޖިލީހުން ނިންމާފައި މިވަނީ އެންއައިސީއަށް ކުރިމަތިލެއްވި ބައެއް ބޭފުޅުންގެ މައްސަލަތަކެއް، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއިން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.