ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެެއް އަދާކުރާ އެއް ގައުމަކީ ޗައިނާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ދެމިއޮންނާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޝިންހުއާ ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ ނަމޫނާ ގުޅުމެއް ކަމަށެވެ. އަދި މިގުޅުން ދައްކުވައިދެނީ ބައިނަލއަގްވާމީ މުޖުތަމައުގައި ކުޑަ ގައުމަކާއި ބޮޑު ގައުމަކަށްވެސް ގާތް ރަނގަޅު ގުޅުމެއް ބޭއްވިދާނެ މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އުއްމިދަކީ މިވެރިކަމުގައިވެސް ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެގައުމުގެ ގުޅުން ބިނާވެފައި އޮންނަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ އިތުރަށް އެއް ގައުމުން އަނެއް ގައުމުގެ ސިޔާދަތަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށެވެ މީގެ އިތުރަށް ދެގައުމުގެ ވަކި ވަކި ފަރުދުން ކުރާ މުއާމަލާތްތަކުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ދެގައުމަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެ ކަހަލަ ތަރައްގީވަމުން އަންނަ ގައުމަކަށް ޗައިނާ ފަދަ ގައުމެއްގެ އެކުވެރިކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ޗައިނާގެ ވަން ޗައިނާ ޕޮލިސީއަށް ރާއްޖެއިން ފުރިހަމަައަށް ތާއީދުކުރާ ކަަމަށެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކޮށް އެކަންކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން ސިނަމާލެ ބުރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ރަންވޭ ގާއިމުކުރުމަށާއި، އެކި އެކި ހައުސިން މަޝްރޫއުތަކުގައި ޗައިނާއިން ރާއްޖެއަށް ކޮށްދެއްވާފައިވާ ކަންކަން ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖެއިން ޗައިނާއަށްދޭ އަހަންމިއްޔަތު ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން އެންމެ ބޮޑަށް ހާމަވާ އެއް ކަމަކީ ދާދި ފަހުން ޗައިނާގައި ބޭއްވި ބެލްޓް އެންޑް ރޯޑް ފޯރަމްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވަޑައިގެންނެވުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑު ދައުރެއް އަދާކުރަަނީ ޗައިނާގެ ފަތުރުވެރިން ކަންވެސް މިނިސްޓަރު ޝާހިދު ވަނީ ފާހަގަކުރައްވާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާ އެވެ. އެގައުމުން ރާއްޖެއަށް 140،245 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.