ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގު ޓީމުން ލަފާދީފިއެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ތަހުގީގުކުރަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި އެކުލަވާލި ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއަދު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި އެ ރިޕޯޓު ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ރިޕޯޓުގައި ވަނީ ބެލި ޝަކުވާގައި ހިމެނޭ ތިން ފަނޑިޔާރުންނަށް ނަސޭހަތްތެރިވުމަށް ކަމަށް ޖޭއެސްސީން ބުނެއެވެ. މި ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ފުރުސަތު ތިން ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. މިގޮތުން ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް މާދަމާއިން ފެށިގެން 30 ދުވަހުގެ މުއްދަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުން ފެށުނުއިރު ރިޔާސަތުގައި އިންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޮމިޝަނުގައި އިންނަވާ ފަނޑިޔާރު އަދި ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް ނަމަވެސް، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ މައްސަލައެއްގެ ރިޕޯޓު އެޖެންޑާގައި އޮތުމުން އެ އައިޓަމް ނިމެންދެން އެމަނިކުފާނު ވަނީ ޖަލްސާއިން ތަނާޒުލްވެވަޑައިގެންފައެވެ. އެވަގުތު ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ނާއިބުރައީސް މަސްތޫރު ހުސްނީއެވެ.

ޖޭއެސްސީން ބުނީ ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ދިގުދެމިގެންދާ ކަމުގެ ޝަކުވާތައް ކޮމިޝަނަށް ލިބެމުންދާތީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވާން ދިމާވާ މައިގަނޑު ސަބަބަކީ ކޮބައިތޯ ދެނެގަތުމަށް އެކުލަވާލެވުނު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ވެސް ބަލައިގަތުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ކޮމިޓީން މިއަދު ހުށަހެޅީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓެވެ. ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ބަލައި، އެ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި މައްސަލަަތައް ކުރިއަށްގެންދެވޭނެ ގޮތުގެ ޝެޑިއުލެއް ތައްޔާރުކުރުމަށް ރިޕޯޓުގައި ވަނީ ހިމަނާފައެވެ. މި ރިޕޯޓު ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކާއި، ތަންފީޒީ އިދާރާތަކާ ހިއްސާކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.