ދިހަވަނަ ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ރާއްޖޭގެ ފުޓުބޯޅަ ޓީމު ކަޓައިފިއެވެ.

ހޯމަ ދުވަހު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރާއްޖެ ބަލިވީ މަޔޯޓްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

މޮރިޝަސްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ދެޓީމަށްވެސް ވަނީ މިހާފުގައި ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަޔޯޓްއިންނެވެ. މި ލަނޑު 15 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރިއިރު، ލަނޑަށްފަހު އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ. ނަމަވެސް މަޔޯޓްއިން ރަނގަޅަށް ކުޅެމުންދަނިކޮށް، 22 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ.

މަޔޯޓްއިން ވަނީ މި ލަނޑާއެކު އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. ދެވަނަ ހާފް ފެށިގެންވެސް މަޔޯޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަށްފަހުވެސް އެޓީމުން ވަނީ ފުލުފުލުގައި ހަމަލާތައް އުފައްދާފައެވެ.

މި ހާފްގައި ރާއްޖޭގެ ފަރާތުން ހަމަލާތަކެއް ފެނުނު ނަމަވެސް، ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި މަޔޯޓްއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރާއްޖެ ހިމެނޭ ގްރޫޕުން ސެމީއަށް ދަތުރުކޮށްފައިވަނީ އެއްވަނަ ޓީމު ގޮތުގައި ހަތް ޕޮއިންޓާއެކު ރީޔޫނިއަންއެވެ. ދެވަނަ ޓީމު ގޮތުގައި ހަ ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ މަޔޯޓްއެވެ. ކޮމޯރަސްއަށް ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ލިބުނުއިރު، ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ނުލިބި އޮތީ ފުލުގައެވެ. މުބާރާތުގައި ރާއްޖެ ކޮޅަށް 10 ލަނޑު ވަދެފައިވާއިރު، ރާއްޖެއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.