ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ" ޕްރިމިއާކުުރުމަށް ދެން އޮތީ މަދު ވަގުކޮޅެކެވެ. "ލީނާ" ކޮބައިތޯ ސުވާލުކުރި ފަރާތްތަކަށް މާދަމާ ރެއަކީ އުފާވެރި ރެއަކަށް ވެގެންދާނެއެވެ.

މާދަމާ ރޭ 9:00ގައި އޮލިންޕަހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި "ލީނާ" ޕްރިމިއާކުުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިބްރަތްތެރި މެސެޖްތަކެއް ލިބިދޭނެ "ލީނާ" މާދަމާ ރޭ ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު، ޕްރިމިއާ ނައިޓްގެ ޓިކެޓް މިހާރުވެސް ދަނީ ވިއްކަމުންނެވެ. ޓިކެޓެއްގެ އަގަކީ 200 ރުފިޔާއެވެ. މީގެ އިތުރުން އެހެން ޝޯތަކުގެ ޓިކެޓްތައް ބާރު ސްޕީޑުގައި ވިކެމުންދާއިރު، އެ ޝޯތަކުގެ ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

"ލީނާ"އަކީ މިއަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރި އެއް ފިލްމެވެ. ވަކިން ޚާއްސަކޮށް "ލީނާ"ގައި ވާގޮތް ބަލާލަން ފިލްމީ އޯޑިއެންސް އޮތީ ތައްޔާރަށެވެ.

"ލީނާ" މާދަމާ ރޭ ޕްރިމިއާކުރާއިރު ފިލްމުގެ ޑައިރެކްޓަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"މުޅި ފިލްމު އެއްކޮށް ނިންމާ މިހާރު ބަލާލެވިއްޖެ. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހު ބޭނުންވި ވަރަށްވުރެވެސް މާ ރަނގަޅު ފިލްމެއް އުފެއްދިފައި މިވަނީ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މި ހުރީ. ޚާއްސަކޮށް އެޑިޓިންގެ މަސައްކަތް ކުރަމުންދިޔައިރު، މި ތަންކޮޅު ރަނގަޅު ކޮށްލެވުނުނަމައޭ އެހެންވެސް ހިތަށް އެރި އެންމެ މަންޒަރެއްވެސް ނުދޭ. އެހާވެސް ރަނގަޅު. އެކްޓަރުންގެ އެކްޓިން ވަރަށްވެސް މޮޅު." ވީޓީވީގައި ވާހަކަދައްކަވަމުން މުއާ ބުންޏެވެ.