މިއަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ދެވުނު ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ހިންގާފައިވާ ކުއްލި އަމުރުގެ ގާނޫނުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މިއީ، ސްރީލަންގާއި ކުއްލި އަމުރުގެ ގާނޫނު ހިންގާތާ ހަތަރުވަނަ މަހެވެ. އިތުރު އެއްމަސް ދުވަހަށް ކުއްލި އަމުރުގެ ގާނޫނު ދަންމާލަން ނިންމަވައި އެކަމަށް އަމުރު ނެރުއްވީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއެވެ.

މިގާނޫނަކީ، ސްރީލަންކާގެ ސަލާމަތީ ބާރުތަކަށް ފުޅާ ބާރުތަކާއި އިޚްތިޔާރުތަކެއް ލިބިދޭ ގާނޫނެކެވެ. އެގޮތުން، ކޯޓު އަމުރަކާއި ނުލައި ތަންތަން ބަލައި ފާސްކުރުމާއި، ތުހުމަތު ކުރެވޭ މީހުންނާއި ސުވާލު ކުރުމާއި، ހައްޔަރު ކުރުމުގެ ބާރުވެސް ލިބިދެއެވެ.

ބޮމުގެ ހަމަލާތަކުގެ ފަހުން ހިންގާފައިވާ ކުއްލި އަމުރުގެ ގާނޫނުގެ ދަށުން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާތަނަށްވަނީ 100 އަށްވިރެ ގިނަމީހުން ހައްޔަރުކޮށްފައެވެ.

ސްރީލަންކާގެ ރައީސް ވިދާޅުވީ، ކުއްލި އަމުރުގެ ގާނޫނުގެ މުއްދަތު އިތުރުކުރެއްވީ، އާންމު ސަލާމަތާ ގުޅުންހުރި މަސްލަހަތު ހިފެހެއްޓުމާއި، އާންމު ހަމަޖެހުން ދެމެހެއްޓުމާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ދިއުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ، ހަމަލާއެއް ދިނުމުގެ ފުރުސަތު މިހާރު ކުޑަކުރެވިފައިވާ ކަމަށް،، އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅުންހުރި ގިނަ ވިއުގަތަކަށް މިހާރު ރޫޅާލެވިފައިވާ ކަމަށާއި، އެހެން ނަމަވެސް، ތުހުމަތުކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ.

ސްރީލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނާ މެއިމަހު ބައްދަލު ކުރައްވައި ރައީސް ސިރިސޭނާ ވިދާޅުވެފައިވަނީ، ކުއްލި އަމުރުގެ ގާނޫނު އުވާލައްވަން ގަސްދުކުރައްވަނީ ސަލާމަތީ ހާލަތު %99 އާންމު ހާލަތަށް އައުމުން ކަމަށެވެ.