ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަންގެ ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދައިފި އެވެ.

ރައުންޑް ރޮބިން ލީގު އުސޫލުން ކުޅުނު މިއިވެންޓްގެ މެޗުތައް ރާއްޖެ އާއި މޮރިޝަސް އަދި ރީޔުނިއަން މިތިން ޓީމުވެސް ވަނީ ޕޮއިންޓު އުސޫލުން އެއްވަރުވެފައެވެ.

އެހެންކަމުން މުބާރާތުގެ ނަތީޖާ ކަނޑައަޅަންޖެހުނީ މެޗު ސެޓު ގުނައިގެންނެވެ. ސެޓު ގުނައިގެން ރާއްޖެއަށް ލޯ މެޑަލް ލިބުނުއިރު މިމުބާރާތުގެ ރަން މެޑަލް ލިބުނީ ރީޔޫނިއަންއަށެވެ. އަދި ރިހި މެޑަލް ހޯދީ މޮރިޝަސްއެވެ.

އިވެންޓުގައި އަންހެން ޓީމު އިއްޔެ ވަނީ ވަނީ މަޑަގަސްކަރަ އަތުން 5-0 އިން މޮޅުވެފައެވެ. އަދި މޮރީޝަސްއާ ބައްދަލުކުރި މެޗު ރާއްޖޭގެ ޓީމުން ވަނީ 3-2 އިން ކާމިޔާބުކޮށްފައެވެ. މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު ސިންގަލްސް ފުރަތަމަ މެޗުން ރާއްޖޭގެ ނަބާހާ ވަނީ 21-10 އަދި 21-14 އިން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ރާއްޖޭގެ ނީލާ ވަނީ 21-14 އަދި 21-9 އިން މޮޅުވެފައެވެ. ސިންގަލްސް ތިންވަނަ މެޗުން ރާއްޖޭގެ ނަބީހާ މޮޅުވީ 21-10 އަދި 21-7 އިންނެވެ.

މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު ޑަބަލްސް ފުރަތަމަ މެޗުން ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ 21-17 އަދި 21-14 އިންނެވެ. ދެވަނަ މެޗުން ރާއްޖޭގެ ނީލާ އާއި މައިސާ މޮޅުވީ 21-9 އަދި 21-5 އިންނެވެ.

ބެޑްމިންޓަންގެ ޓީމު އިވެންޓުން އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު، އިއްޔެ ފިރިހެން ޓީމުވެސް ވަނީ ލޯ މެޑަލް ޔަގީން ކޮށްފައެވެ. ދެ ޓީމަށްވެސް މެޑަލް ހަވާލުކޮށްފައިވަނީ މިއަދު އެވެ.