ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން މިއަދު ކޮމޮރޯސް ބަލިކޮށްފި އެވެ.

ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޓީމުން ގެންގޮސްފައިވަނީ 25-23، 25-20 އަދި 25-19 އިންނެވެ.

ވޮލީބޯޅަ އިވެންޓުގެ ފިރިހެން ބައިގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ މަޑަގަސްކަރަ އާއި ރީޔޫނިއަން އަދި ކޮމޮރޯސް އެވެ. މާދަމާ ފިރިހެން ޓީމު ރީޔޫނިއަންއާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗުން މޮޅުވެގެން ރާއްޖެއަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ އިއްޔެ ވަނީ މަޑަގަސްކަރަ އަތުން ބަލިވެފައެވެ.

މީގެ އިތުރުން އަންހެން ޓީމު މިއަދު ވަނީ ރީޔޫނިއަން އަތުން ސީދާ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-12، 25-22 އަދި 25-19 އިންނެވެ.

ވޮލީބޯޅަ އިވެންޓުގެ އަންހެން ބައިގައި ރާއްޖެ ހިމެނުނު ގްރޫޕްގައި ދެން ހިމެނުނީ ރީޔޫނިއަންގެ އިތުރުން ސީޝެލްސް އެވެ. ސީޝެލްސްއާ ވާދަކޮށް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެހެންކަމުން ރާއްޖޭގެ އަންހެން ޓީމު ވަނީ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކަޓާފައެވެ.