ވަކި ގޮތަކަށް މައްސަލަތަކުގައި ދައުވާ ކުރުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޣައްޔޫމްގެ ފަރާތްޕުޅުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ޕީޖީ ހާޒިރުކޮށް މެމްބަރުން ވަނީ ސުވާލުތައް ކުރިމަތިކުރުވާފައެވެ.

މެމްބަރުންގެ ސުވާލުތައް މައިގަނޑުގޮތެއްގައި ކުރެއްވީ، ސަރުކާރުގައި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް އުފުލާފައިވާ ދައުވާތަކާއި މައްސަލަތައް ލަސްވުމާ ގުޅޭގޮތުންނާއި މައްސަލަތަކުގެ ސްޓޭންޑް ބަދަލުވުމާއި ގުޅޭގޮތުންނެވެ. ޕީޖީ ވަނީ އެސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ނިމިދިޔަ ފަސް އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ނުފޫޒެއް ޕްރޮސެކިޔުޓަރ ޖެނެރަލްއަށް އޮތްތޯ އެއްސެވެމުން ޕީޖީ ވަނީ އެއްވެސް ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޔާމީންގެ ދައުރުގައި އަޅުގަނޑަށް އެއްވެސް ނުފޫޒެއް ފޯރިތޯ ކުރެއްވި ސުވާލުގައި ދަންނަވަން އޮތީ އަޅުގަނޑަށް އެއްވެސް ނުފޫޒެއް ނުފޯރުވައޭ." ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ޕީޖީ ބިޝާމް އެގޮތަށް ޖަވާބު ދެއްވުމުން ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިންއަށް ލިބިވަޑައިގެންނެވި ފުުރުސަތުގައި، ޕީޖީގެ ވާހަކަފުޅުގައި ދައުވާ ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަމަށް ވިދާޅުވުމުން ދެކެވަޑައިގެންނަވަނީ ޕީޖީ ކުރެއްވި ދައުވާތަކަކީ ހެޔޮ ނިޔަތުގައި އިޚުލާސްތެރިކަމާއެކު ކުރެއްވި ދައުވާތަކެއް ކަމަށް ބައްލަވާ ކަމުގައެވެ. އެހެންކަމަށްވާނަމަ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ޕްރޮސެކިޔުޓް ކުރެއްވީ އޮންނަ އުސޫލުންތޯ އަލީ ހުސައިން އެއްސެވިއެވެ. އަދި މަޖިލީހުގެ މެމްބަރުންތަކެއްގެ މައްޗަށް ކުރެވުނު ދައުވާއަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ކުރެވުނު ދައުވާތަކެއްތޯ އަލީ ހުސައިން ވަނީ އައްސަވާފައެވެ.

އެސުވާލުތަކުގެ ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ އެއްވެސް ޕްރޮސެކިޔުޓަރެއެއްގެ ގާތުގައި ވަކި މީހަކަށް ވަކި ދައުވާއެއް ކުރުމަށް ވިދާޅުވެފައި ނުވާނެ ކަމުގަ އެެވެ. އަދި ބޮޑެތި މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި ޓީމުތައް އައްޔަނު ކުރެވިގެން މަސައްކަތް ކުރެވިގެންދާކަމަށް ބިޝާމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާމެދު ހިނގާދިޔަ ކަންތައްތަކަކީ ހިތާމަހުރި ކަންތައްތަކެއް ކަމަށް ބިޝާމް ވިދާޅުވިއެވެ.