ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ހުށަހެޅުނު ރޭޕްގެ މައްސަލަ އެކަށީގެންވާ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ބާތިލްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން އެމެރިކާގެ ކްލާކް ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރޮނާލްޑޯއަށް ތުޙުމަތުކޮށް ހުށައަޅާފައިވާ ރޭޕުގެ މައްސަލާގައި އެކަށީގެންވާ ވަރަށް ފިޒިކަލް ހެކި ނެތްކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ނުބަލަން ނިންމާފައިވާ ކަމަށެވެ.

އަދި ތަހުގީގަށް ސާބިތުވާ ވަރަށް ރޭޕްގެ މައްސަލައިގައި ރޭޕްކުރި ކަމަށް ބުނާ އެމެރިކާގެ ރައްޔިތެއްކަމަށްވާ މަޔޯގާގެ ފަރާތުން ހެކި ފޯރުކޮށްދީފައިނުވާ ކަމަށާއި މިއީ ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 2009 ވަނަ އަހަރުގެ ޖޫންމަހުގައެވެ. އެފަހަރު މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ. އެ މައްސަލަ އަލުން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގައެވެ. މިފަހަރުވެސް އެ މައްސަލަ ބަލަން ފެށީ މަޔޯގާ ގެ އެދުމުގެ މަތިންކަމަށް ވެއެވެ.

މީގެކުރިން މީޑިއާތަކުގައި މި ވާހަކަ އެންމެ ފުރަތަަމަ ފެންމަތިވި ދުވަސްކޮޅު މަޔޯގާ ވަނީ ރޭޕުގެ ވާހަކަތައް ސިއްރުކުރުމަށް އެދި އޭނާ ލައްވައި 2010 ވަނަ އަހަރު ރޮނާލްޑޯ މަޖުބޫރުން ސޮއިކުރުވާފައިވާ ކަމަށެވެ. އަދި ހަނުހުރުމަށް އެދި މަޔޯގާއަށް 375،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށްވެސް ބުންޏެވެ.