ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ" ޕްރިމިއާކުުރުމަށް ދެން އޮތީ މަދު ގަޑިއިރުތަކެކެވެ. "ލީނާ" ކޮބައިތޯ ސުވާލުކުރި ފަރާތްތަކަށް މިރެއަކީ އަކީ އުފާވެރި ރެއަކަށް ވެގެންދާނެއެވެ.

މިރޭ 9:00ގައި އޮލިންޕަހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި "ލީނާ" ޕްރިމިއާކުުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިބްރަތްތެރި މެސެޖްތަކެއް ލިބިދޭނެ "ލީނާ" މިރޭ ޕްރިމިއާކުރުމަށް ހަމަޖެހިފައިވާއިރު، ލީނާގެ ޝޯތަކުގެ ޓިކެޓްތައް ބާރު ސްޕީޑުގައި ދަނީ ވިކެމުންނެވެ. ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

"ލީނާ"އަކީ މިއަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރި އެއް ފިލްމެވެ. ވަކިން ޚާއްސަކޮށް "ލީނާ"ގައި ވާގޮތް ބަލާލަން ފިލްމީ އޯޑިއެންސް އޮތީ ތައްޔާރަށެވެ.

"ލީނާ" މާދަމާ ރޭ ޕްރިމިއާކުރާއިރު ފިލްމުގެ ޑައިރެކްޓަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"މުޅި ފިލްމު އެއްކޮށް ނިންމާ މިހާރު ބަލާލެވިއްޖެ. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހު ބޭނުންވި ވަރަށްވުރެވެސް މާ ރަނގަޅު ފިލްމެއް އުފެއްދިފައި މިވަނީ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މި ހުރީ. ޚާއްސަކޮށް އެޑިޓިންގެ މަސައްކަތް ކުރަމުންދިޔައިރު، މި ތަންކޮޅު ރަނގަޅު ކޮށްލެވުނުނަމައޭ އެހެންވެސް ހިތަށް އެރި އެންމެ މަންޒަރެއްވެސް ނުދޭ. އެހާވެސް ރަނގަޅު. އެކްޓަރުންގެ އެކްޓިން ވަރަށްވެސް މޮޅު." ވީޓީވީގައި ވާހަކަދައްކަވަމުން މުއާ ބުންޏެވެ.

މީގެ އިތުރުން "ލީނާ"އަކީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަށްވެސް ވަރަށް ތަފާތު ތަޖުރިބާއެކެވެ.

މިއީ އެ ތަރިންގެ ފިލްމީ ކެރިއަރުގައި ކުރެވުނު އެންމެ އިންތިޒާމު ރަނގަޅު މަސައްކަތެވެ. ފިލްމުގެ މަސައްކަތްކުރީ ހުރިހާ ތަރިންވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. މުއާ ހުރީ އެހާބޮޑަށްވެސް "ލީނާ"އަށް ތައްޔާރުވެގެންނެވެ. ރަނގަޅު އުފެއްދުމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މުއާ ވަނީ ތައުރީފު ހައްގު މިންވަރަށް ފިލްމަށް ތައްޔާރުވެފައެވެ.

އެހެންކަމުން "ލީނާ" މިއީ މިއަަހަރު އޮލިންޕަހަށް އަންނާނެ އެންމެ ތަފާތު އަދި އެންމެ ރީތި އެއް ފިލްމަށްވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ.

"ލީނާއާ ބެހޭގޮތުން ބުނަން އޮތީ މިއީ މުއާގެ އާދަޔާ ޚިލާފް މޮޅު މަސައްކަތަކޭ. ވަކިން ޚާއްސަކޮށް ފިލްމުގެ ޝޫޓިން ކަންކަން މުއާ ހަމަޖައްސާފައިވާގޮތް ފާހަގަކޮށްލަންޖެހޭ. މިއީ އަޅުގަނޑަށް މަސައްކަތް ކުރެވުނު އެންމެ އިންތިޒާމް ރަނގަޅު ފިލްމު. އެކަން ހުރިހާ ތަރިންވެސް ފާހަގަކުރޭ." ފިލްމުގައި އެންމެ މުހިންމު ރޯލުން ފެނިގެންދާ އައްޒަ ބުންޏެވެ.

އައްޒަގެ މި ވާހަކަތަކާއި ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންކަމަށްވާ، ނުޒޫ، ދޮންއައްޔަ، ޒީނަތު، އާނަންދު، މަރިޔަމް ހަލީމް، އަހުމަދު ސައީދު، އަދި ކުޅަދާނަ ކެމެރާމަން ކަނޑިވެސް އެއްބަސްވެއެވެ.

އެހެންވީމަ ދެން އޮތީ "ލީނާ"އަށް ތިޔަ ބެލުންތެރިންގެ ފުރިހަމަ ތަރުހީބު ދިނުމެވެ. އަވަހަށް އޮލިންޕަހަށް ވަޑައިގެން ޓިކެޓް ނަންގަވާށެވެ. "ލީނާ" ކޮންމެހެންވެސް ބަލާލަންވާނެއެވެ. މުއާގެ ފުރަތަމަ ފީޗާ ފިލްމު ބަލާލުމަށްފަހު، މުއާއަށް ކޮމެންޓެއް ދޭންވާނެއެވެ. މުއާގެ އިތުރު މަސައްކަތްތައް ބަލާލުމަށް މި ފިލްމަށް ދާންވާނެއެވެ.