ޘަޤާފީ އަދި ޒަމާނީ މިއުޒިކާއިއެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޖުލައި 27 ވަނަ ދުވަހުގެ ރޭ އަލުން ފަަށާނެ ކަމުގައި، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ ސަޤާފީ އަދި ޒަމާނީ މިއުޒިކާއިއެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާއިރު، ޝޯވތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހުގެ މުސާބަތާއި ގުޅުވައިގެން މިޖުލައި މަހުގެ 27 އަދި 28 ދެދުވަހުގެ ރޭގައި ކަމަށެވެ.

މިގޮތުން މިއުޒިކީ އީދުގެ ޝޯވތައް ކުރިޔަށް ދާނީ، ޖުލައި 27 އަދި 28 ވާ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ރޭގެ ، ރޭގަނޑު 8:30ން މެންދަމު 12:00އަށް އަލިމަސް ކާނިވާ ސްޓޭޖުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ބުނީ މިޝޯވ ގައި ޕާރފޯމްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި މިއުޒިކު ކުޅޭ ގިނަ ބޭންޑުތަކާއި ބޮޑުބެރު ގުރޫޕްތަކުންވެސް ޕޯޓްފޯލިއޯ ހުށައަޅާފައި ވާކަމަށެވެ.

އަދި ފަންނާނުންގެ މިއުޒިކީ އީދުގައި 13 ގުރޫޕަކުން ލަވަތައް ހުށައަޅައިދޭނެ ކަމަށާއި މިގޮތުން ލަވަހުށައަޅައިދޭ ބޭންޑް ތަކުގެ ތެރޭގައި، ގްރެވިޓީ، ހައުސްއޮފް މިއުޒިކް، ވައިޓް ސްމޯކް، ސްކައި ރޮކް، ޓިއޭއެސް، ސިމްބޮލިކް ރެކޯޑްސް އަދި ޓްރެފިކް ޖޭމް ހިމެނެއެވެ.

ބޮޑުބެރު ގުރޫޕުތަކުގެ ތެރެއިން، ދިވެހިފަންނާނުންގެ މިއުޒިކީ އީދުގައި ހުށައެޅުންތައް ހުށައަޅައިދޭނީ، ބިދަބިން، ހަބޭސް، އަދި ދަންމާނު ބޮޑު ބެރު ގުރޫޕުންނެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޖުލައި 26 އާއި ދިމާކޮށް އަނެއްކާވެސް އަލުން ފަށާއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފަންނާނުންގެ މިއުޒިކީ އީދު ފަށައި، ތަފާތު އެކި ސަބަބުތައް މެދުވެރިވެގެން ދެމެހެއްޓެނިވި ގޮތެއްގައި ވަނީ ކުރިޔަށް ނުގެންދެވިފައެވެ.