ދެކުނު އެމެރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި މެސީއަށް ދެއްކި ރަތް ކާޑާއި ރެފްރީންނަށް ފާޑުކިޔުމާއި ގުޅިގެން އޭނާއަށް އަދަބު ދީފި އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކޮންމެބޮލް) އިން މެސީ އެއް މެޗަށް ސަސްޕެންޑްކުރީ ކޮޕަ އެމެރިކާގެ ތިންވަނަ ހޮވި މެޗުގައި ޗިލީގެ މައްޗަށް 2-1 އިން އާޖެންޓީނާ އިން ކުރި ހޯދި މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެންނެވެ.

މި މެޗަށްފަހު ރެފްރީންނާއި މުބާރާތުގެ އިންތިޒާމުތަކަށް ފާޑުކިޔުމާ ގުޅިގެން މެސީ 1500 ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ފެޑެރޭޝަނުން ވަނީ ނިންމާފަ އެވެ. ރެފްރީންނަށް ފާޑުކިޔުމަށްފަހު މެސީ ވަނީ ފަހުން އެ ވާހަކަތަކަށް މައާފަށް އެދިފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެއް މެޗުގެ ސަސްޕެންޝަން މެސީ ތަންފީޒު ކުރާނީ 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ބުރުގަ އެވެ. ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ފަށާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ކޮޕަ އެމެރިކާގެ ތިންވަނަ އާޖެންޓީނާ އިން ހޯދިއިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްރެޒިލް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެރޫގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.