ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ" ރޭ ވަނީ ޕްރިމިއާކޮށްފައެވެ. 2016ވަނަ އަހަރު ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދިނުމަށް މުއާ މަސައްކަތްކުރި "ލީނާ" ރޭ އޮލިންޕަހުގައި ދައްކާފައިވާއިރު، ފުރަތަމަ ޝޯ ބެލި ގިނަ ބެލުންތެރިން ވަނީ ފިލްމާއި މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ތައްޔާރުކުރި "ލީނީ" ޕްރިމިއާކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މުއާގެ އެންމެ ގާތް އެއް ރަޙުމަތްތެރިޔާ މުހައްމަދު އަބްދުﷲއެވެ.

"ލީނާ" ޕްރިމިއާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއާ ބުނީ "ލީނާ"އަކީ އޭނާގެ ފުރަތަމަ ފިލްމު ނަމަވެސް، މިއީ ފިލްމީ ހަޔާތުގައިކުރެވުނު ވަރަށް ތަފާތު މަސައްކަތެއްކަމަށެވެ. އަދި ފިލްމާއިމެދު އޭނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

މީގެ އިތުރުން މުއާ ވަނީ "ލީނާ" ސްކްރީނަށް ގެނެސްދެވުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކޮށްފައެވެ. އެގޮތުން ފިލްމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް މުއާ ވަނީ ޝުކުުރުއަދާކޮށްފައެވެ.

"ވަކިން ޚާއްސަކޮށް އައްޒަގެ ނަން އަޅުގަނޑު ފާހަގަކޮށްލަން. ހަގީގަތުގައި ފިލްމަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އައްޒަ، އެއީ އެކްޓަރެއްގެ ހައިސިއްޔަތުން. އަޅުގަނޑު މިރޭ ބުނެލަން ބޭނުންވޭ ތިޔައީ (އައްޒައަކީ) ހަމަ ރަންމުތެކޭ." ލީނާގެ ލީޑް އެކްޓްރެސް އައްޒައަށް އިޝާރާތްކޮށް މުއާ ބުންޏެވެ.