ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ މިވަގުތު ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި ބޭފުޅެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިހެން ވިދާޅުވީ ޖާބިރު އަދިވެސް ހުންނެވީ ރައީސް ސޯލިހްގެ ސްޕެޝަލް އެންވޯއިގެ މަގާމުގައިތޯ މީހަކު ޓްވިޓާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވެރިކަމަށް ވަޑައިގެން، ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސްޕެޝަލް އެންވޯއިގެ މަގާމަށް އަބްދުﷲ ޖާބިރު ހަމަޖައްސަވާފައެވެ. އެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ވަނީ މިއަހަރު ބޭއްވި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެޑްވަައިޒަރުގެ މަގާމުގައިވެސް ހުންނެވި އަބްދުﷲ ޖާބިރު، އިންތިޚާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޕްރިމަރީގައި ވާދަކޮށް ބަލިވުމުން، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ޖާބިރު ހުށައެޅުއްވި މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އޭނާއާއި އެއްކޮޅަށް ނެރެދެއްވުމުންނެވެ.

އަމިއްލަގޮތުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު ވަނީ ރޭ ޑީއާރުޕީއާއި ގުޅިވަޑައިގެން، އެޕާޓީގެ ލީޑަރުކަމުގެ މަގާމާއިވެސް ހަވާލުވެވަޑައިގެންފައެވެ. ޖާބިރާއެކު ބައެއް ސިޔާސީ ބޭފުޅުންވެސް ޑީއާރުޕީއާއި ގުޅިވަޑައިގަންނަވަމުން ގެންދަވާއިރު، ޖާބިރު ވަނީ މިވަގުތު އިދިކޮޅު ލީޑަރަކީ އެމަނިކުފާނުކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ މިވަގުތު ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި ބޭފުޅެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދައުލަތުގެ އެހެން މަގާމެއް އަދާނުކުރެވޭނެތީ، މަޖިލީހުގެ މެންބަރުކަމުގެ ހުވާ ޖާބިރު ކުރައްވާ ހިސާބުން ރައީސްގެ އެޑްވައިޒަރުގެ މަގާމު އޮޓޯއިން ގެއްލޭނެކަމަށް ރައީސް އޮފީހުން ކުރިންވެސް ވަނީ ބުނެފައެވެ.

ޖާބިރު ވަނީ ރައީސް ސޯލިހްގެ ވެރިކަން ގެނައުމަށް އޭނާ އެތައް ފައިސާއެއް ޚަރަދުކުރައްވާފައިވާނެކަމަށް ވިދާޅުވެފައެވެ. އަދި މިފަހުން ޖާބިރު ގެންދަަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.