ބައެއް ފަހަރު ބައެއް މީހުންނާ ހެދި އުނދަގޫވެއެެވެ. ޚާއްޞަކޮށް ފަހަތުން ނުނެއްޓިގެން މީހަކު އުޅޭހެން ހީވާނަމަ އަދި މާ އުނދަގޫވެއެވެ. އެ އުނދަގުލާ އަހަރެން ވެސް ކުރިމަތިލީމެވެ. އެކަމުން ސަލާމަތް ނުވެވިގެން އުޅުނީމެވެ. އެކަމުގެ ޝަކުވާތައް މަންމަމެންގާތު ކުރީމެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. އިހު ވީ އުނދަގޫތައް ނުވާތީ އުނދަގޫ ވެސް ވެއްޖެއެވެ. އެ ހަނދާންތައް އާލާވާތީ ކަރުނަވެސް އެބަ އާދެއެވެ.

އެއްބަހެވެ. މުޅީން އެބަހެވެ. އެއީ ވިސްނުމުގައި އުނިކަން ހުރި ޒުވާނެކެވެ. އާއްމު ބަހުންނަމަ މޮޔައެކެވެ. ނަމަވެސް އޭނާގެ ހިތުގައި ވެސް ލޯތްބެއް އުފެދުނީއެވެ. އެ ލޯބީގެ ބަހާރު މޫސުމުގައި ފޮޅުނު މަލަކަށް އަހަރެންވީއެވެ. ހަމައެކަނި މައްސަލައަކީ އަހަރެންނެވެ. އެ ބަގީޗާގެ މަލަކަށް އަހަރެން ހެދުމުންނެވެ. އެއީ އަހަރެންނާއި އެ ޒުވާނާއާ މައްސަލަ ޖެހެން މެދުވެރިވީ މައިގަނޑު ސަބަބެވެ. އޭގެ ކުރިން ދެ މީހުންނަކީ ވެސް ވާހަކަދައްކައި ސަކަރާތްޖަހާ، ސަމާސާކޮށް ހެދި ދެ މީހުންނެވެ. ދެ މީހުންގެ ރައްޓެހިކަމުގައި އެތައް ކަމެއް ކުރެވުނެވެ. އެތައް މަސައްކަތްތަކެއްގައި ބައިވެރި ވެވުނެވެ. އޭގެ ނަތީޖާއަކީ އަޅުވާ ކިޔަން ފެށުމެވެ. އޭނާގެ ހިތް އަހަރެންނަށް ލެނބޭގޮތް ވުމެވެ. ހަގީގަތުގައި އެކަން ފެށުނީ ރައްޓެހިންގެ ސަބަބުންނޭ ބުނެވިދާނެއެވެ. އެ މީހުން އެ ޒުވާނާއާއި އަހަރެން އަޅުވާ ނުކީނަމަ މައްސަލަ ދިމައެއް ނުވީހެވެ. މިއީ މިއަދު އަހަރެންނަށް ގަބޫލުކުރެވޭ ގޮތެވެ. އަހަރެންގެ ހިތް ބުނާ ގޮތެވެ.

އެ ޒުވާނާއާއި އަހަރެން އަޅުވާ ކިޔަން ފެށުމުން ފުރަތަަމަކޮޅު އޭނާ ވެސް ނުރުހުނެވެ. ބައެއް ފަހަރު އެހެން ނުކިޔުމަށް ވެސް ބުނެއެވެ. ނަމަވެސް ފަހުން ފަހުން އޭނާގެ ވާހަކަ ބަދަލުވަމުންދާކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އޭނާ އަހަރެންނަށް ބަލާގޮތާއި އަހަރެންނާ ވާހަކަދައްކާ ގޮތް ބަދަލުވަމުންދާކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. އެންމެ ބޮޑަށް ފާހަގަވީ އަހަރެންނާ ނުލައި އެއްވެސް ކަމެއް ކުރަން އޭނާ ދޮކޮޅު ހެދުމެވެ. އަދި އަހަރެންނާއެކު ގިނަ ވަގުތު ހޭދަކުރަން އޭނާ ބޭނުންވާ ބޭނުންވުމެވެ.

މިހާރު ވެސް ހަނދާން އެބަހުއްޓެވެ. އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އޭނާ އައީ އަހަރެންގެ ގެޔަށެވެ. މާބޮނޑިއެއް ހިފައިގެންނެވެ. ކީއްކުރާ މާބޮނޑިއެއްތޯ އެހުމުން އޭނާ ބުނީ އެއީ ލޯބިވާތީ ގެނައި މާ ބޮނޑިއެއްކަމަށެވެ. އެދުވަހު އޭނާ ދެއްކި ވާހަކަތަކުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ. އެކަމާ ވިސްނަން ވެސް ވިސްނުނެވެ.

އޭގެ ފަހުން ޖެހިގެން އައި ތިން ދުވަހު ވެސް އެފަދަ މާބޮނޑިއެއް އޭނާ ގެނައެވެ. އަހަރެން ކަންބޮޑުވާން ފެށީ އެހިސާބުންނެވެ. އޭނާ ގާތުގައި އަހަރެން ލޯބި ނުވާވާހަކަ ބުނުމުން އެ ވާހަކަ އެ ޒުވާނާ ގަބޫލެއް ނުކުރިއެވެ. އޭނާ ބުނީ އަހަރެން ދޮގު ހަދަނީ ކަމަށެވެ. އަހަރެން އޭނާ ދެކެ ލޯބި ނުވާނަމަ އޭނާއަށް އެހައި ރަނގަޅު ނުވީސް ކަމަށެވެ. އެއީ ތެެދެކެވެ. އަހަރެން އޭނާއަށް ކަމޭހިތަމެވެ. އެހީތެރިވަމެވެ. އެހެން މީހުންނަށްވުރެ ބޮޑަށް އިތުބާރު ކުރަމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާއާ މެދު ކުޑަވެސް ލޯތްބެއް ނުވެއެވެ. އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި ހަމްދަރުދީއެވެ.

އެ ޒުވާނާއާއި އަހަރެންނާމެދު ހިނގައި ދިޔަ ކަންކަން އަހަރެންގެ ރައްޓެހިންނާ އަހަރެން ހިއްސާކުރީމެވެ. އެ ޒުވާނާއާ އަޅުވާ ނުކިޔުމަށް އެދުނީމެވެ. މަންމަމެންގާތުގައި އެ ޒުވާނާގެ ވާހަކަދެއްކީމެވެ. މަންމަ ބުނީ އެއީ ބުއްދި ހަމަނުޖެހޭ މީހެއް ކަމަށެވެ. އޭނާ އެހެން އުޅުނަސް އެއީ މައްސަލައެއް ނޫންކަމަށެވެ. އެކުވެރިންނާއި ރައްޓެހީންގެ ވާހަކަތައް ވެސް ހުރީ ހަމަ އެ ގޮތަށެވެ. ނަމަވެސް އެކަން އަހަރެންނަކަށް ގަބޫލެއް ނުކުރެވެއެވެ. ލޯތްބަކީ އެފަދަ އެއްޗެއް ހެއްޔެވެ؟ މޮޔައަކު ދެކެ ލޯބިވާކަމަށް ހެދިގެން އުޅެވިދާނެ ހެއްޔެވެ؟ އެފަދަ އޮޅުވާލުމެއް އޮޅުވާލައިގެން މޮޔައަކު ހައްދައިގެން ގެންގުޅެން ހެޔޮވާނެ ހެއްޔެވެ؟ އަހަރެން ނިންމީ އެ ޒުވާނާއާ ދުރަށް ދާށެވެ. އެ ޒުވާނާއާ އޮތް ގުޅުން ކަނޑާލާށެވެ.

އެ ދުވަހަށް ފަހު އެ ޒުވާނާ ފޮނުވާ ތަކެތި އަހަރެން ބަލައެއް ނުގަންނަމެވެ. ފޮނުވާ މެސެޖުތަކަށް ޖަވާބެއް ވެސް ނުދެމެވެ. ގެއަށް އަޔަސް އޭނާއާ ވާހަކަދައްކާކަށް ނުއިންނަމެވެ. އަހަރެން ވަންނަނީ ކޮޓަރިއަށެވެ. އެތައް އިރަކު އިނުމަށް ފަހު އޭނާ އެނބުރި ދާނެއެވެ. އެނާއާ ވާހަކަދައްކަނީ ހަމައެކަނި މަންމައެވެ.

އެ ޒުވާނާ ދެކެ އަހަރެން ލޯބިނުވާކަން އެ ޒުވާނާއަށް ވިސްނައި ދެވުނެވެ. އޭނާގެ ލޯބިވެރިޔާއަކީ އަހަރެން ނޫންކަން އަންގައި ދެވުނެވެ. ނަމަވެސް އޭނާގެ ދުލުން އަހަރެންނޭ ކިޔައިގެން އެތައް ވާހަކައެއް ދިޔައީ ދައްކަމުންނެވެ. އޭނާ އެންމެ ލޯބިވަނީ އަހަރެންދެކެ ކަމަށް އެ ވާހަކަ އެހި ކޮންމެ މީހެއްގެ ގާތުގައި ދިޔައީ ބުނަމުންނެވެ. އެކަމުން ވެސް އެތައް އުނދަގުލެއް އަހަރެންނަށް ކުރިމަތިވިއެވެ. ބައެއް މީހުން އަހަރެންނާ ދިމާކޮށްލުމަށް މޮޔަ ރަޝީދުގެ ބިޓޭ ކިޔައި ގޮވާ ހަދައެވެ.

ގެއާ ހަމަވިއިރު އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. މަގުމަތިން ފެނުނު ގުރޫޕަކުން އަހަރެންނާ ދިމާކޮށްލުމުންނެވެ. މޮޔަ ރަޝީދޭ ކިޔައި ގޮވަން ފެށުމުންނެވެ. ގެއަށް ވަން އިރު އެއަށްވުރެ ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އެ ޒުވާނާ ގޭގައި އިންތަން ފެނުމުންނެވެ. އަހަރެންގެ ލޭ ކެކިގަތީ އެހިސާބުންނެވެ. ހިތުގެ އުދާސްތައް ބޭރުވީ ހިފެހެއްޓުމެއް ނެތިއެވެ.

"ކިހައި ބޮޑުވެއްޖެ ކަމެއް. މިހާރު މަށަކަށް ނެތް މަގުމައްޗަށް ވެސް ނުކުމެވޭކަށް. މި މީހާގަނޑާ ހަދާ! ހަމަ މިހާރު ނުކުމޭ. ދެން މިގެއަށް ނާންނާތި. މަށެއް ނޫޅެން ކަލޭ ދެކެ މޮޔަވެގެންނެއް. ދެން ދުވަހަކުވެސް މަށެއް ވާހަކައެއް ނުދައްކާނަން. ހަމަމިހާރު ނުކުމޭ. މި ބުނީނު ނުކުންނާށޭ. ނުކުމޭ!" އައި ރުޅީގައި އަހަރެން ކުރީ އަމުރެވެ. އަހަރެންގެ ރުޅިގަނޑު ފެނި މަންމަ ހުރީ ކަންބޮޑުވެފައެވެ. އެ ޒުވާނާ ހުރީ ބަސް ހުއްޓިފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ.

"ދަރިފުޅާ! ކިހިނެއްތަ ވީ؟ މާ ރުޅިގަދަވެގެން ތި އުޅެނީ؟ ތި ރުޅިގަނޑު މަތަކޮށްބަލަ؟" މަންމަ އުޅުނީ އަހަރެން މައިތިރި ކުރެވޭތޯއެވެ.

"މިހެން މިވީ މަންމަ ވެސް ކަންތައް ކުރާ ގޮތުންނޭ. އޭނާ މިގެއަށް ވައްދަނީ ކީއްކުރަން. މަށެއް ނޫޅެން އޭނާއާ ހެދި މޮޔަވެގެންނެއް. އޭނާ ނެރޭ. އެހެން ނޫނީ އަހަރެން މި ނުކުންނަނީ" އެ ޒުވާނާ ގެއިން ނެރުމަށް އަހަރެން މަންމައަށް މަޖުބޫރު ކުރީމެވެ. އަހަރެންގެ ރުޅިގަނޑު ފެނިފައި އޭނާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. މުޅި މޫނު ވަނީ ރަތްވެފައެވެ. އަޖައިބުވީ އޭނާ ރޯން ފެށުމުންނެވެ.

"ރޯނެކަމެއް ނެތް. އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވޭ. ހަމަ މިހާރު ނުކުމޭ" އަހަރެން ބޭނުންވީ ހުރިހާކަމެއް ނިމުމަކަށް ގެންނާށެވެ. އަހަރެންގެ ގެއިން އޭނާ ނެރޭށެވެ.

އެގެ ހަފުތާއެއް ފަހެވެ. އެ ޒުވާނާގެ ޚަބަރެއް ނުވެއެވެ. މަގުމައްޗަކުން ވެސް އޭނާއެއް ނުފެނެއެވެ. ގެއަކަށް ވެސް ނާދެއެވެ. އަހަރެންގެ ހިތަށް ބުނަން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެއް ވެސް ލިބުނެވެ. ނަމަވެސް އެނާ ނުފެންނާތީ ކޮންމެ ވެސް ވަރެއްގެ އުނދަގުލެއް އިހުސާސް ކުރެވުނެވެ. އެ އިހުސާސްތައް އެހެން މީހަކާ އަހަރެން ހިއްސާއެއް ނުކުރަމެވެ. އެ ޒުވާނާގެ ޚަބަރެއް ވެސް ނާހަމެވެ.

ތިން ހަފުތާ ފަހުން ޒުވާނާ ބަލިވެ އުޅޭކަން އަހަރެންނަށް އެނގުނެވެ. އެ ވާހަކަ އަހަރެންގާތުގައި ބުނީ އޮފީހުގައި އުޅޭ މަސައްކަތު މީހެކެވެ. އޭނާގެ ވާހަކަތަކުން އޮއްގާ އުކަމުން ދިޔައީ އަހަރެންނާ ދިމާއަށެވެ. އެކުވެރިންނާއި ރައްޓެހިންވެސް އެ ޒުވާނާގެ ވާހަކަދެއްކިއެވެ. ގެއަށް އައުމުން މަންމަ ވެސް އެ ވާހަކަދެއްކިއެވެ. އަހަރެންގެ ނިންމުން ބަދަލެއް ނުކުރަމެވެ. އޭނާއާ ބައްދަލުކޮށްލަން ދާކަން ބޭނުމެއް ނުވިއެވެ. އޭނާ ވާހަކަ ދައްކާކަވެސް ހިތެއް ނޭދުނެވެ.

ދެ ހަފުތާފަހުން އެ ޒުވާނާ ވަރަށް ބޮޑަށް ވަލިވެ އެމިޖެންސީ ރޫމުގައި ފަރުވާދޭން ފެށުނެވެ. އޭނާގެ ނޭވާއަށް އުނދަގޫވަނީއެވެ. ހަށިގަނޑުގައި ވަރު ނުހުންނަނީއެވެ. ލޭވެސް މަދުވަނީއެވެ. ޓެސްޓްތަކުން ދައްކަނީ ގޮހޮރުގެ މައްސަލައެއް ކަމެވެ. ނަމަވެސް މީހުން ދައްކަނީ އެހެން ވާހަކައެެކެވެ. އަހަރެން އޭނާއާ ވާހަކަ ނުދައްކާތީ ދިމާވި ގޮތެއްކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ އަހަރެން ކަމެވެ.

އޮފީސް ނިންމާލައި ގެއަށް އައިސް އިނީ ކާށެވެ. މަންމަ ވެސް މޭޒު ދޮށުގައި އިނެވެ.

ކުއްލިއަކަށް ގެއަށް އައިސްވަނީ ނިޒާރެވެ. އެއީ އެ ޒުވާނާގެ ބޮޑުބެއެވެ.

"މި އުޅެނީ ރަޝީދަށް މާ ބޮޑުވާރުވާތީ. އޭނާ ބުނަނީ ޔަސްނާ ގެނެސްދިނުމަށް. އެންމެ ފަހަރަކު ނަމަވެސް ހޮސްޕިޓަލަށް އައިސްދެތޯ މިއައީ. އަހަރެންނަށް ވެސް އެނގޭ ޔަސްނާއަށް އުނދަގޫވާނެކަން. އެކަމަކު..." އިސްދަށަށް ޖަހާލައިގެން ހުރެ ނިޒާރު ބުންޏެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އިވޭކަމަކަށް ވެސް ނުހަދަމެވެ.

"ދެން ގޮސްދެންވީނު ދަރިފުޅާ. އެންމެ ފަހަރަކު ނަމަވެސް އެކަން ކޮށްލަދޭންވީނު" މަންމަ ވަރަށް އާދޭހާއެކު އެދުނެވެ. އެ އެދުމަށް ނޫނެކޭ ބުނެ އަހަރެން ބޯހޫރުވާލީމެވެ.

އިރުތަކެއް ފަހުން ލިބުނީ އެ ޒުވާނާ މަރުވި ޚަބަރެކެވެ. އެ ޚަބަރުން އަހަރެންނަށް އުނދަގޫވިއެވެ. އޭނާއާ ބައްދަލުކޮށްލަން ދެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އަހަރެންގެ ޒަމީރު އެކަމާ ދެކޮޅުހެދީއެވެ. އެއްބަސް ނުވީއެވެ. ހިތަކީ ހާދަހާ ތަފާތު އެއްޗެކެވެ. މިއަދު އެބަ ހިތަށް އަރައެވެ. އެންމެ ފަހު ވަގުތު އެ ޒުވާނާ އުފާކޮށްލަ ދެވުނުނަމައެވެ. އެ މޮޔަ މީހާ ހިތްހަމަ ޖައްސާލަދެވުނު ނަމައެވެ. ނަމަވެސް އެއީ މާޒީއެވެ. ހަޔާތުގެ ދުވަސްތަކެއްގައި އުޅުނު ހިޔަންޏެކެވެ. އެ ހިޔަންޏާ ހެދި އިއްޔެ އުނދަގޫވިއެވެ. މިއަދު އަދި މާ އުނދަގޫވެ އެވެ.

(ނިމުނީ)