ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބު ކުރާ މެންބަރު ކަމަށް ކުރިމަތިލެއްވި އަބްދުލްހަންނާން އަހްމަދުގެ ކެންޑިޑޭސީ ބާތިލްކޮށްފަައިވާ ކަމަށް ބާ ކަައުންސިލުން ބުނެފިއެވެ.

ބާ ކަައުންސިލުން ބުނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން، 2019 ޖުލައި 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ޖުޑީޝަލް ސަރވިސްގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، 2019 ޖުލައި 23 ވީ އަންގާރަ ދުވަހު، އަބްދުލްހަންނާން އަހްމަދު އެ ކައުންސިލަށް ހުށަހެޅި ނަންބަރު BCE1/2019/2 ފޯމުގައިވާ މައުލޫމާތާއި ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ބެލި ބެލުމުން، ގާނޫނުއަސާސީގެ 161 ވަނަ މާއްދާގެ (ހ) އިން، އަބްދުލްހަންނާން އަހްމަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އިތުރު ދައުރަކަށް އައްޔަންކުރުމަށް ހުރަސްއެޅޭތީ، މި އިންތިޚާބަށް ކުރިމަތިލުމަށް އޭނާ ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ގަބޫލު ކޮށްފައިވާކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކޮށްފައިވާކަމަށެވެ.

އަދި މިކަމާ ގުޅިގެން، މި އިންތިޚާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެކަމަށްވެސް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބު ކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހަ ވަކީލަކު ވަނީ ކުރިމަތިލާފައެވެ.

މިމުއްދަތުގެ ތެރޭގައި ޖޭއެސްސީގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ވަކީލުންނަކީ:-

1. އަހްމަދު ނަޝީދު ހުސައިން، ދަފްތަރު ނަންބަރު ރސ 1890

2. އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ

3. މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

4. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ، ލ. މާވަށް

5. އަބްދުލްހަންނާން އަހްމަދު، ގ.އަސްމަހި، މާލެ

6. އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބު ކުރާ މެންބަރު އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ބާއްވާ އިންތިހާބުގަ އެވެ.

ބާ ކައުންސިލްގެ ގާނޫނޫގައި ބުނެފައިވަނީ އެ ކައުންސިލަށް މެންބަރުން އިންތިހާބުވާ 15 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބު ކުރާ މެންބަރު އިންތިހާބު ކުރަންވާނެ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލަކު އިންތިހާބު ކުރަންޖެހުނީ ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނެވި ލަތީފާ ގާސިމްގެ ދައުރު ބާ ކައުންސިލްގެ ގާނޫނު ތަސްދީގު ކުރެވުމާއެކު ނިމުމަކަށް އައުމާ ގުޅިގެންނެވެ.

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތު ތަކުގެ ތެރޭގައި އެމީހަކީ އުމުރުން 25 އަހަރުން ފުރިފައިވާ ބުއްދި ސަލާމަތުން ހުރި މުސްލިމު ދިވެހި ރައްޔިތަކަށް ވާންޖެހެ އެވެ. އަދި އެމީހަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައިވެ އެވެ. މީގެއިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައިވެ އެވެ.