1972 ވަނަ އަހަރުު އުފައްދާފައިވާ ނައިކީގެ ޓްރެއިނަރެއް (ބޫޓެއް) 437،500 އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ. "1972 ނައިކީ ވޮފްލް ރޭސިންގް ފްލެޓް މޫން ޝޫ"ގެ ނަން ދީފައިވާ މި ޓްރެއިނަރ ފަރުމާކޮށްފައިވަނީ ނައިކީ ކުންފުނީގެ އެއް ބާނީ ކަމަށްވާ ބިލް ބޮވަރމަންއެވެ. މިއީ، އޭނާގެ އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ބޫޓެކެވެ.

ސޮތެބީސް ނީލަން ފިހާރައިގައި މި ބޫޓާއިއެކު، މިފަދަ އިތުރު 100 ޓްރެއިނަރެއް ވިއްކާލާފައިވެއެވެ. އޭގެ ތެރޭގައި އާޑީޑާސް އަދި އެއަރ ޖޯޑަންސް ފަދަ މަޝްހޫރު ބޫޓުތައް ހިމެނެއެވެ.

"1972 ނައިކީ ވޮފްލް ރޭސިންގް ފްލެޓް މޫން ޝޫ" ވިކޭނެ ކަމަށް ކުރީން ލަފާކޮށްފައިވަނީ 160،000 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް، އޭގެ ތިން ގުނަ އިތުރު އަގަކަށް މި ބޫޓު ގަނެފައިވަނީ ނެކެނާގެ ބޫޓު އެއްކުރާ މީހެއް ކަމަށްވާ މައިލްސް ނަޑާލްއެވެ.

ބިލް ބޮވަރމަން އުފައްދާފައިވަނީ "1972 ނައިކީ ވޮފްލް ރޭސިންގް ފްލެޓް މޫން ޝޫ"ގެ އެންމެ 12 ބޫޓެވެ. މިއީ، 1972 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގެ ޓްރަޔަލްތަކަށް ޚާއްސަކޮށްގެން އޭނާ އުފެއްދި ބޫޓެކެވެ. މިބޫޓުތައް ބޭނުންކޮށްފައިވަނީ އެ މުބާރާތުގެ ދުވުންތެރީންނެވެ. ނަމަވެސް، ނީލަމުގައި ވިއްކާލާފައިވާ މި ބޫޓަކީ، މީގެ ކުރީން އެއްވެސް މީހަކު ބޭނުންކޮށްފައިވާ ބޫޓެއް ނޫނެވެ.

މި ބޫޓަށް "1972 ނައިކީ ވޮފްލް ރޭސިންގް ފްލެޓް މޫން ޝޫ" ގެ ނަން ދެވުނީ، މި ބޫޓުގެ ދަށްފުށް ފަރުމާ ކުރުމަށް ވޮފްލް މޭކަރެއް ބޭނުންކޮށްފައި ވާތީއެވެ. މި ބޫޓުގެ ވެރިފަރާތް ކަމަށްވާ ނަޑާލްގެ ކަލެކްޝަންގައި މިފަދަ އިތުރު ބޫޓުތައް ހުރެއެވެ. އޭގެތެރޭގައި 1989 ވަނަ އަަހަރުގެ "ބެކް ޓު ދަ ފިއުޗަރ 2" ފިލްމުން މަޝްހޫރުވި "ނައިކީ މެގްސް"ގެ ނަން ދީފައިވާ ދެ ބޫޓު ހިމެނެއެވެ. މި ބޫޓު އޭނާ ގަނެފައިވަނީ 50،000 އާއި 70،000 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގަކަށެވެ.

މީީގެެެ އިތުރުން ނީލަމުގައި ވިކުނު އެހެން ޚާއްސަ ބޫޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ "ޖީޓަރ އެޑިޝަން އެއަރ ޖޯޑަން 11"ގެ ނަން ދީފައިވާ ބޫޓެކެވެ. އެއީ، ނިއު ޔޯކް ޔެންކީގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ޑެރެކް ޖީޓަރ ރިޓަޔަރ ކުރުމާއި ގުޅިގެން 2017 ވަނަ އަހަރު ލޯންޗްކުރި ބޫޓެކެވެ. ބާޒާރަށް ނެރެފައިވަނީ މި ވައްތަރުގެ އެންމެ ފަސްބޫޓެވެ. މި ބޫޓު ވިކިފައިވާ ކަމަށް ބެލެވެނީ 60،000 އެމެރިކާ ޑޮލަރަށެވެ.