ވިލާތުގެ ބައެއް ގައުމުތަކަށް ހޫނުގެ ތޫފާނެއް ކުރިމަތިވެ، ބައެއް ޤައުމުތަކުގައި ރެކޯޑް މިންވަރަކަށް ފިނިހޫނުމިން މައްޗަށް ގޮސްފިއެވެ. ފަރަންސޭސި ވިލާތުގެ ރަށެއް ކަމަށްވާ ބޯރޑޯއަށް ބަލައިލާއިރު، އެ ރަށުގައި ފިނިހޫނުމިންވަނީ 41.2 ޑިގްރީ ސެލްސިއެސްގައި ރެކޯޑްކުރެވިފައެވެ. މިއީ، ރެކޯޑްތައް ބަލަހައްޓާން ފެށި ފަހުން އެ ރަށުގައި ފިނިހޫނުމިން މިހާ މައްޗަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

ބޯރޑޯގައި އެންމެ ފަހުން މިހާ މަތީގައި ފިނިހޫނުމިން ރެކޯޑް ކުރެވިފައިވަނީ 2003 ވަނަ އަހަރުއެވެ. އެއީ 40.7 ޑިގްރީ ސެލްސިއެސްގައެވެ. ފަރަންސޭސި ވިލާތުގެ އިތުރުުން، މި ހޫނުގެ ތޫފާނުގެ އަސަރު ބެލްޖިއަމް، ޖަރުމަނު ވިލާތް އަދި ނެދަލެންޑްސްގެ ސަރަހައްދުތަކަށް ދަނީ ފޯރަމުންނެވެ. ދުނިޔޭގެ މޫސުމާބެހޭ އިދާރާއިން ބުނީ، މި ހޫނުގެ ތޫފާނަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެގެން އުޅޭ ތޫފާނެއް ކަމަށެވެ.

"މިދިޔަ ޖޫން މަހުވެސް ވިލާތުގެ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން އިންތިހާއަށް މައްޗަށް ދިޔަ. ހޫނު މޫސުމުގެ ކުރީން، މިފަދަ ހޫނުގެ ތޫފާންތައް މިދަނީ އަންނާން ފަށާފައި. އަދި، މިފަދަ މޫސުމީ ބަދަލުތައް ފަހަކަށްއައިސް ދަނީ އިތުރުވަމުން. މިއީ ވަރަށް ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ފާހަގަކުރަން،" ދުނިޔޭގެ މޫސުމާބެހޭ އިދާރާގެ ތަރުޖަމާނު ކްލެއަރ ކަލިސް ބުންޏެވެ.

މިކަމާއި ގުޅިގެން ފަރަންސޭސި ވިލާތުގައިވަނީ އޮރެންޖް އެލަރޓްއެއް އިޢުލާނުކޮށްފައެވެ. އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނީ، ވެރިރަށް ޕެރިސްގައިވެސް ފިނިހޫނުމިން އާދަޔާއި ޚިލާފަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި، 1947 ވަނަ އަހަރު ރެކޯޑްކުރެވިފައިވާ 40.4 ޑިގްރީ ސެލްސިއެސްއަށްވުރެ ފިނިހޫނުމިން މައްޗަށް އަރާނެ ކަމަށް އެ ފަރާތުން ލަފާކުރެއެވެ.

އާދަޔާއި ޚިލާފަށް ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މީހުންގެ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމަށް ޤަބޫލްކުރެވެއެވެ. 2003 ވަނަ އަހަރުގެ އޮގަސްޓް މަހު ފަރަންސޭސި ވިލާތަށް ކުރިމަތިިވި ހޫނުގެ ތޫފާނެއްގައި 15،000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މި އަހަރުވެސް، ހާދިސާތަކެއް ހިނގާ، މިފަދަ އަދަދަކަށް މީހުން މަރުވެދާނެ ކަމުގެ ބިރު ހީވުމާއި ގުޅިގެން، އޮފިޝަލުންވަނީ ރައްކާތެރިކަމިގެ ފިޔަވަޅުތައް އަޅާން ފަށާފައެވެ.