ކައިވެނިނުކޮށް އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގޭގައި ދިރިއުޅުނު ފުރަތަމަ ޖޯޑުކަމުގައި އާ ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި އޭނާގެ ލޯބިވެރިޔާ ކެރީ ސިމަންޑްސް ހިމެނިއްޖެއެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގެއަކީ ޑައުނިން ސްޓްރީޓުގެ ދިހަ ނަމްބަރު ގެއެވެ. ބޮޑުވަޒީރުގެ ގޮތުގައި އެގޭގައި މިހާތަނަށް ކޮންމެ ބޭފުޅަކުވެސް އުޅުއްވީ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއެކުގައެވެ. އެކަމަކު މިހަފުތާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ބޮރިސް ޖޮންސަނުގެ ހުރީ ލޯބިވެރިޔެކެވެ.

އުމުރުން 55 އަހަރުވީ ޖޮންސަނާއި 31 އަހަރުވީ ސިމަންޑްސް އެކުގައި ދިރިއުޅުއްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ޖޮންސަނުގެ ކުރީގެ އަނބިކަނބަލުން މަރީނާ ވީލަރ ދުރަށް ވަޑައިގަތީވެސް ސިމަންޑްސްގެ ކަންތައް ފެއްޓެވުމުންނެވެ.

ހުސްވި ޖޫންމަހާ ހަމަޔަށްވެސް ބޮރިސް ޖޮންސަން ދިރިއުޅުއްވަމުން ގެންދެވީ ލަންޑަނުގެ ދެކުނުގައި ހުންނަ ސިމަންޑްސްގެ އަމިއްލަ ފްލެޓެއްގައެވެ. އެތާގައި ސިމަންޑްސް އާއި ޖޮންސަން އެއްރޭ މާގަދަޔަށް އަރާރުންވެ އަޑުގަދަވެގެން ކައިރިކައިރީގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ފުލުހުންނަށް އަންގައިގެން އެކަންތައް މީޑިއާއިން ތިލަކުރިއެވެ. މިހާދިސާއަށްފަހު ލަންޑަނުގެ އެހެން ހިސާބަކުން ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ހޯއްދަވައިގެން ޖޯންސަން ފަހުން ވަނީ އެތަނަށް ބަދަލުވެވަޑައިގެންފައެވެ.

ކެރީ ސިމަންޑްސްއަކީ ޕަބްލިކް ރިލޭޝަނާ ބެހޭ ތަޖުރިބާކާރެކެވެ. ކޮންޒަވެޓިވް ޕާޓީގެ ޕަބްލިކް ރިލޭޝަނާބެހޭ ޔުނިޓުގައި އޭނާ މަސައްކަތް ކުރަން ފެށީ 2009 ގައެވެ. ބޮރިސް ޖޮންސަނާ ބައްދަލުވެ ލޯބީގެ ގުޅުން ފެށުނީ އޭގެ ފަހުންނެވެ.