އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމުން އާތިޔާ ނަސީރު ވަކިކުރި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް އޭނަ ހުށަހެޅުއްވި މައްސަލާގައި ބަދަލުގެ ގޮތުގައި ދޮޅުލައްކަ ރުފިޔާ ދޭން ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

2015 ވަނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އާތިޔާ މަގާމުން ވަކިކުރީ އަމީނިއްޔާ ސްކޫލަށް އިތުރު ގެއްލުންތައް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެނެވެ.

މި މައްސަލަ އާތިޔާގެ ފަރާތުން އޭރު ސިވިލް ކޯޓަށް ހުށަހަޅައި 2016 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ އާތިޔާ ޕްރިންސިޕަލްކަމުން ވަކިކުރީ ރަގަޅަށް ކަމަށެވެ.

ސިިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އާތިޔާއާ އެއްކޮޅަށް މައްސަލަ ނިންމާފައެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އާތިޔާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ހަމަސްދުވަހުގެ މުސާރައަށްވާ 155،000 ރުފިޔާ ދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އާތިޔާ މަގާމުން ވަކިކުރީ އަމީނިއްޔާ ސްކޫލަށް ފައިސާ ހޯދަން އޭރު ހިންގި ހަރަކާތަކާ ގުޅިގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އާތިޔާ މަގާމުން ވަކިކޮށްދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަމީނިއްޔާ ސްކޫލުން އެފަދަ ޕްރޮގްރާމެއް ހިންގުން އޭގެ ޒާތުގައި ގޯސް ނޫން ކަމަށާއި ނަމަވެސް އެކަން ކޮށްފައިވަނީ މިނިސްޓްރީ ބަދުނާމުވާ ގޮތަށް ކަމަށެވެ.

އާތިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ގެ އަނބިކަނބަލުންނެވެ. އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުން އާތިޔާ ވަކިކުރީ އެމަގާމު އަދާކުރައްވާތާ ހަތަރު އަހަރު ވެފައި ވަނިކޮށެވެ. އާތިޔާ ތައުލީމީ ދާއިރާގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1995 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސުކޫލްތަކުގެ ހުރިހާ ލެވަލެއްގައިވެސް މަގާމުތައް އަދާކުރައްވާފައިވެއެވެ.