ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ފެތުރެމުންދާތީ، އެގައުމުން އަންނަ އެއްވެސް މީހަކު ސައުދީ އަރަބިއްޔާއަށް އެތެރެވުން، ސައުދީ ސަރުކާރުން މަނާކޮށް ފިޔަވަޅު އަޅައިފިއެވެ.

މިއީ، ޑީއާރް ކޮންގޯއިން ހައްޖަށް އަންނަ މީހުންގެ ފަރާތުން ހައްޖުވެރިންގެ މެދުގައި އެބޯލާ ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާތީ އެކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިން އެޅި ފިޔަވަޅެކެވެ.

ޑިއާރް ކޮންގޯގެ މީހުންނަށް ހައްޖު ވިސާ ދޫކުރުންވެސް ސައުދީ ސަރުކާރުން މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ.

ޑީއާރް ކޮންގޯއަށް ހައްޖު ވިސާ ދޫކުރުން ހުއްޓާލައި، އެގައުމުން އަންނަ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވުން މަނާކޮށް އެކަން ހާމަކުރީ ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ނެރުނު ނޯޓެއްގައެވެ. އެ ނޯޓްގައި، އެ ފިޔަވަޅު އެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ޑީއާރް ކޮންގޯގެ އިރުމަތީ ފަޅީގެ ނޯތު ކިވޫގައި އެބޯލާ ކޮންޓްރޯލުން ނެއްޓިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން މިދިޔަ ހަފްތާގައި އިޢްލާން ކޮށްފައި އޮތުމަށެވެ.

"ހައްޖުވެރިންގެ ސަލާމަށްޓަކައި ޑީއާރް ކޮންގޯއިން އަންނަ މީހުންނަށް ވިސާދިނުން މިހާރުވަނީ ހުއްޓާލެވިފައި" ސައުދީ ފޮރިން މިނިސްޓްރީގެ ނޯޓްގައި ބުނެފައިވެއެވެ.

ސައުދީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ޑިއާރް ކޮންގޯއިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ގެއްލުނީ ކިތައް މީހުންނަށް ކަމެއް ސާފު ނުވާކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މުސްލިމުންގެ އަބާދީއަކީ ތިނެއް އިންސައްތަ ކަމަށް، ކޮންގޯ ރިސާޗް ގްރޫޕުން ބުނެއެވެ.

އެކަމަކު، ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން ފުރިހަމަ ކުރާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ދިހައެއް އިންސައްތަ ހައްޖުވެރިން ނިސްބަތްވަނީ ސަބް ސަހަރަން އެފްރިކާގެ ގައުމުތަކަށެވެ.

ޑީއާރް ކޮންގޯގެ މުސްލިމުން ހައްޖަށް ދިއުމަށް ވިސާ ނުދޭން ސައުދީ ސަރުކާރުން މި ނިންމީ، ޑަބްލިޔޫ އެޗް.އޯއިން އެދިފައިވާ އެދުމާ ޚިލާފަށެވެ.

ޑީއާރް ކޮންގޯގެ އިރުމަތީގައި އެބޯލާ ފެތުރެމުންދާ ކަމަށް ހާމަކުރި ނަމަވެސް، ޑަބްލިޔޫއެވްއޯއިން އެދިފައިވަނީ، އެފްރިކާ ވިޔަސް އަދި ދުނިޔޭގެ އެހެން ގައުމަކުން ވިޔަސް، ޑިއާރް ކޮންގޯއަށް ސަރަހައްދީ އިން ބަންދު ނުކުރުމަށެވެ.

އަދި ޑީއާރް ކޮންގޯގެ މީހުން ދަތުރުފަތުރުކުރުމާއި، އަދި އެ ގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައިވެސް އެއްވެސް ކަހަލަ ދަތިކުރުމެއް ހުރަސްތަކެއް ކުރިމަތި ނުކުރުމަށްވެސް އެދިފައިވެއެވެ.

އަދި ޑީއާރް ކޮންގޯގައި އެބޯލާ ފެތުރޭ ކަމަށް ބުނި ނަމަވެސް، ދުނިޔެއިން އެކަމާ "ހާސްނުވުމަށް" ވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އެދިފައިވެއެވެ.