24 ވަނަ ވޯރލްޑް ސްކައުޓް ޖަމްބޮރީ، އެމެރިކާގެ ވެސްޓް ވާރިޖިނިއާގައި ފަށައިފިއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ވޯރލްޑް ސްކައުޓް ޖަމްބޮރީއަކީ މުޅި ދުނިޔޭގައި ސްކައުޓް ހަރަކާތް ހިންގާ ހުރިހާ ގައުމަކުން ސްކައުޓުންނަށް ދައުވަތު ދީގެން ބާއްވާ، ސްކައުޓް ހަރަކާތުގެ އެންމެބޮޑު އެއްވުމެވެ.

މިއަހަރުގެ ވޯރލްޑް ސްކައުޓް ޖަމްބޮރީ ކުރިއަށްދަނީ އެމެރިކާގެ ވެސްޓް ވާރޖިނިއާގައި ގާއިމްކޮށްފައިވާ "ސަމިޓް ބެކްޓެލް ފެމިލީ ނޭޝަނަލް ސްކައުޓް ރިޒާވް" ގައެވެ. މިއީ، ފަރުބަދަތަކާއި، ކޯރުތަކާއި، ގުދުރަތީ ރީތިކަމަށް މަޝްހޫރު ސަރަހައްދެކެވެ.

އެތަނަކީ، ބޯއި ސްކައުޓް އޮފް އެމެރިކާއަށް ނިސްބަތްވާ، އެ އެސޯސިއޭޝަނުން މަތީ ފެންވަރުގެ އެޑްވެންޗަރ އެކިއެކި ހަރަކާތްތައް ހިންގާ ސަރަހައްދެވެ. އަދި އެތަނަކީ އެމެރިކާގައި ނޭޝަނަލް ސްކައުޓް ޖަމްބޮރީތައް ބާއްވާ ދާއިމީ ސަރަހައްދުވެސް މެއެވެ.