ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސް ތަރި ގަރެތު ބޭލް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބަދަލުވުމާ ގާތަށް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓް ތަކުން ބުނެފައި ވާގޮތުގައި އުމުރުން 30 އަހަރުގެ ބޭލްއަށް ޗައިނާގެ ޖިއާންސޫ ސަނިން ކުލަބުން މުސާރައިގެ ގޮތުގައި ހަފްތާ އަކު އެއް މިލިއަން ޕައުންޑް ވަނީ ހުށަހަޅައިފައެވެ.

ބޭލްގެ އެޖެންޓާ ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ ޗައިނާ ކުލަބުން ހުށަހަޅާ ހުށަހެޅުންތައް ބޭލް ގަބޫލް ކުރާ ކަމަށާއި އެކުލަބާއެކު ވަރަށް އަވަހަށް ސޮއިކުރަން ބޭލް ނިންމާފައިވާ ކަމަށެވެ. އަދި އެކުލަބަށް ބޭލް ސޮއި ކުރާނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ބޭލްގެ އެޖެންޓާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވެއެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ހަ އަހަރު ހޯދާފައިވާ ބޭލް ޗައިނާގެ ސުޕަ ލީގުގެ ޖިއަންސޫ އަށް ބަދަލުވާން އުޅޭއިރުން ރެެއާލުގެ ކޯޗު ޒިނެދިން ޒިދާންއާ ބޭލްއާ ދެމެދު ވަނީ ހިޔާލްތަފާތުވުންތަކެއްގެ ތެރޭގައި ކަމަށްވެސް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ބޭލްގެ ކުޅުމާ މެދު ޒިދާން މިހާރު ހިތްހަމަ ނުޖެހޭ ކަމަށް ވެސް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ޒިދާން ބުނީ ބޭލްއާ އުޅެނީ ކުލަބް ދޫކޮށް ދާން ކަމަށާއި އޭނައާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މިވަގުތު ކުލަބުން އޭނަ ދޫކޮށްލިޔަސް މައްސަލައެއް ނެތް ކަމަށެް ވެސް ޒިދާން ބުންޏެވެ.

ސައުތްހެމްޕްޓަން އިން ކެރިޔަރު ފެށި ބޭލް ވިދާލީ ޓޮޓެންހަމް ހޮޓްސްޕާއިންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް 203 މެޗު ކުޅެ 55 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްއާއެކު ޕްރިމިއާ ލީގުގައި ގިނަ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޓޮޓެންހަމްގައި ހުރެ "ޕްރިމިއާ ލީގު ޕްލޭޔާ އޮފް ދަ މަންތް" ތިން ފަހަރު، ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރު، ޕްރިމިއާ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ރިއާލުން ބޭލް ގަނެފައި ވަނީ 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރަށެވެ. ބޭލް ރެއާލްއާ ގުޅުމަށްފަހު އެކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާއިރު އޭނަ ހޯދުމަށް މީގެ ކުރިން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑާއި އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.