އީރާނުން ހިފަހައްޓާފައިވާ ޕެނަމާގެ ދިދަޖެހި ތެޔޮ ޓޭންކަރުން ހައްޔަރު ކޮށްފައިވާ އިންޑިއާގެ ހުރިހާ ކްރޫ މެމްބަރުން މިނިވަންކުރުމަށް އިންޑިއާއިން އީރާނު ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޓީ ރިއާހް ނަމަކަށްކިޔާ ތެޔޮ ޓޭންކަރު އީރާނުގެ ކޯސްޓްގާރޑުން ހިފަހައްޓާފައިވަނީ މި ޖުލައިމަހުގެ 13 ވަނަ ދުވަހުއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އީރާނުން ހިފެހެއްޓި މި ތެޔޮ ޓޭންކަރުގައި އިންޑިއާގެ 12 ކްރޫ މެމްބަރުން ތިބި ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ނުވަ މެމްބަރުން އީރާނުން އިއްޔެ މިނިވަން ކޮށްފައިވާ ކަމަށެވެ.

މިނިވަންކުރި ކްރޫ މެމްބަރުން ވަރަށް އަވަހަށް އިންޑިއާއަށް އަންނާނޭ ކަމަށްވެސް، އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ބާކީ ތިބި ކްރޫ މެމްބަރުން މިނިވަން ކުރުމަށްވެސް އޭނާވަނީ އީރާނަށް ގޮވާލައްވާފައެވެ.

"އީރާނުގައި ހުންނަ އަޅުގަނޑުމެންގެ މިޝަނުން މިހާރުވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ބާކީތިބި އިންޑިއާ ކްރޫ މެމްބަރުން މިނިވަންކުރުމަށް އެދި" ރަވީޝް ކުމާރު ވިދާޅުވިއެވެ.

އެމްޓީ ރިއާހުން ހިފެހެއްޓި އިންޑިއާގެ ބާރަ ކްރޫ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އީރާނުން ހިފަހައްޓާފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާނާއި، ހުޅަނގާ ދެމެދު ހިނގަމުންދާ އަރާރުންތަކާ ގުޅިގެން މަސްރަހް ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އީރާނުން ގެންދަނީ ގަލްފް ސަރަހައްދުން ދަތުރުކުރާ ބައެއް ތެޔޮ ޓޭންކަރުތައް ހިފަހައްޓަމުން،، އެގޮތުން، އެފަދަ ޓޭންކަރުތަކުގައި ތިބި އިންޑިއާގެ އެތައް ކްރޫ މެމްބަރުންވެސް ހިފަހައްޓާފައިވެއެވެ.

އީރާނުގެ ކޯސްޓްގާރޑުން ހިފެހެއްޓިތާ ދުވަސްކޮޅެއް ފަހުން އީރާނުގެ ދައުލަތުގެ ޓީވީންވަނީ، އެމްޓީ ރިއާހްގެ ވީޑިއޯ ފުޓޭޖެއް އާންމުކޮށްފައި،، އެ ޓޭންކަރު އީރާނުން ހިފެހެއްޓީ ވަގަށް ތެޔޮ އުފުލާކަމުގެ ތުހުމަތުގައި ކަމަށް ބުނެފައިވެއެވެ.

އިންޑިއާ އަދި އީރާނުގެ މިޝަންތަކުން މި ހަފްތާގައި ބުނެފައިވަނީ، އީރާނުން ކުރިން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕީރޯގައި ތިބި އިންޑިއާގެ 18 ކްރޫ މެމްބަރުންނާ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބައްދަލު ކުރުމުގެ ފުރުސަތު އީރާނުން ދީފައިވާ ކަމަށް،، ސްޓެނާ އިމްޕީރޯ އީރާނުގެ ކޯސްޓްގާރޑުން ހިފެހެއްޓީ ހޮރްމޫޒު ކަނޑުއޮޅިން މި ޖުލައިމަހުގެ 19 ވަނަ ދުވަހުއެވެ.

އީރާނުން ބުނެފައިވަނީ، އިނގިރޭސި ތެޔޮ ޓޭންކަރު ހިފެހެއްޓީ އީރާނުގެ މަސް ބޯޓެއްގައި ޖައްސާފައި މަޑުނުކޮށް ދިއުމާއި، ޓޭންކަރާ މުއާމަލާތް ނުކުރެވޭގޮތަށް ސިގްނަލް ކަނޑާލުމާއި، ދަތުރުކުރަން އޮތް މަގު ގަވާއިދާ ޚިލާފަށް ބަދަލުކޮށްގެން ދިއުމުން ކަމަށެވެ.

އިނގިރޭސި ތެޔޮ ޓޭންކަރު އީރާނުން ހިފެހެއްޓުމުގެ ސަބަބުން، ހުޅަނގާއި އީރާނާ ދެމެދު ހިނގަމުންދާ ކޯޅުންތައް އިތުރަށް ވަނީ ފުޅާވެގެން ގޮސްފައެވެ.

އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ ވީ މުރަލީދަރަން ވިދާޅުވީ، އީރާނުން ހިފެހެއްޓި އިނގިރޭސި ޓޭންކަރުގައި ތިބި އިންޑިއާގެ ކްރޫ މެމްބަރުން މިނިވަން ކުރުމަށް އިންޑިއާއިން އީރާނަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށެވެ.

އިންޑިއާއަކީ ވަރަށް ކުރީއްސުރެ އީރާނާ ސިޔާސީގޮތުން ގާތް ގުޅުންތަކެއް އޮންނަ އަދި އީރާނުން އަބަދުވެސް ތެޔޮ ގަންނަމުންދިޔަ ގައުމެކެވެ. ނަމަވެސް، އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އިންޑިއާއިންވަނީ އީރާނުން ތެޔޮ ގަތުން މުޅީން ހުއްޓާޅާފައެވެ.