ރަޝިޔާގެ ވެރިރަށް މޮސްކޯގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތައެއްގެ ތެރެއިން 317 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި، އިދިކޮޅު ވަރުގަދަ އެކްޓިވިސްޓުންވެސް ހިމެނެއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ގިނަ އަދަދެއްގެ ބަޔަކު މި ހައްޔަރުކުރީ، އެފަދަ އެއްވުމެއް ބޭއްވުން ފުލުހުން މަނާކޮށްފައި ވަނިކޮށް އެއްވުން ބޭއްވުމުންނެވެ.

މޮސްކޯގައި ހުންނަ މޭޔަރުގެ އޮފީސް ކައިރީގައި މުޒާހަރާ ކުރުމަށް ނުކުތުމަށް ގޮވާލެއްވީ، މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއެވެ.

އެއީ، އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާ ލޯކަލް އިންތިޚާބުގައި އިދިކޮޅު ޚިޔާލުގެ މީހުންނަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް ފިއްތުންތައް ކުރިމަތި ކުރުމަށެވެ. ލޯކަލް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކުރިމަތިލި އިދިކޮޅު ޚިޔާލުގެ ހުރިހާ މެމްބަރުންނަށް ވާދަ ކުރެއްވުމުގެ ފުރުސަތު އިންތިޚާބާބެހޭ އިދާރާއިން ވަނީ ނުދީފައެވެ.

އިދިކޮޅު ޚިޔާލުގެ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިން ސަބަބެއް ކަމަށް އިންތިޚާބާބެހޭ އިދާރާއިން ބުނެފައިވަނީ، އިންތިޚާބުގައި ވާދަ ކުރުމަށް ބޭނުންވާ މިންވަރަށް ސައްހަ ސޮއި ހޯދިފައިނުވުމުން ކަމަށެވެ. ނަމަވެސް މި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދޮގުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ކަންތައް ބެލި މޮނިޓަރިން ގްރޫޕެއް ކަމަށްވާ އޯވީޑީ-އިންފޯއިން ބުނެފައިވަނީ، މުޒާހަރާ ފެށުމުގެކުރިންނާއި އަދި ފެށުނު ފަހުން ފުލުހުން 317 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވަނީ، މީހުން ހައްޔަރު ކުރުމުގެ ތެރޭގައި އެ ހިސާބުން ހިނގާފައިދިޔަ އާންމު ބައެއް ފަރާތްތައްވެސް ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިއަދުގެ މުޒާހަރާ ބޭއްވިޔަ ނުދިނުމަށް ފުލުހުންވަނީ ކުރީ ބައިގައި މީހުން ހައްޔަރުކުރުމުގެ އިތުރުން، މުޒަހަރާ ބާއްވަން އުޅުނު ހިސާބުގެ އެތައް މަގެއްވެސް ބަންދުކުރިއެވެ.

ރަޝިޔާގެ ގާނޫނު ބުނާގޮތުން، މުޒާހަރާއެއް، އެއްވުމެއް ބާއްވަންޏާ ބާއްވާނެ ތަނަކާއި، ގަޑިއެއް ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމަކަށް އަންނާންޖެހެއެވެ. އެހެން ނަމަވެސް، މިއަދު މުޒާހަރާ ކޮށްފައިވަނީ އެ ފަދަ އެއްބަސްވުމެއް ނެތިކަމަށްވެއެވެ.