އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ރުވާންޑާގެ ރައީސަކީ ޕޯލް ކަގާމޭއެވެ. އޭނާ އެ ގައުމުގެ ވެރިކަމަށް އައީ 2000 ވަނަ އަހަރުއެވެ. ކަގާމޭ ވެރިކަމަށް އައީ އޭނާގެ ގެރިއްލާ ޖަމާއަތްތަކާއެކު ކުރި ހަނގުރާމައަށް ފަހުއެވެ. މީގެ 25 އަހަރު ކުރީން އޭނާ ހަނގުރާމަ ކޮށްފައިވަނީ ރުވާންޑާގައި ކުށެއް ނެތް އެއް މިލިއަނަށްވުރެ އާންމު ރައްޔިތުން ގަތުލްކޮށްލި ހަނގުރާމަވެރިންނާއި ދެކޮޅަށެވެ. އެއަށްފަހު ހަ އަހަރު ވަންދެން އޭނާ ހުރީ އެ ގައުމުގެ ނާއިބު ރައީސްގެ މަގާމުގައެވެ. އަދި ރައީސްކަމާއި ހަވާލުވެ ވަޑައިގަތީ 2000 ވަނަ އަހަރުއެވެ.

ނަމަވެސް، މިހާރު މުޅީން މަންޒަރު ބަދަލުވެއްޖެއެވެ. ރުވާންޑާގައި މީގެ 25 އަހަރު ކުރީން ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހުއްޓުވުމުގައި އިސް ދައުރެއް އަދާކުރެއްވި ކަގާމޭގެ ކޮނޑުގައި މިހާރު މިވަނީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްގެ ފަހަތުގައިވާ ކަމުގެ ތުހުމަތު އެޅިފައެވެ. މައްސަލައަކީ، އޭނާއާއި ސިޔާސީ ގޮތުން ދެކޮޅު މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މުހިއްމު މެމްބަރުން، ވީނުވީއެއް ނޭނގި، ގެއްލެމުންދާތީއެވެ.

މިގޮތުން އެންމެ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ޔޫޖީން އެންދެރީމާނާ ކިޔާ ސިޔާސީ މީހެކެވެ. އޭނާއަކީ ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއް ކަމަށްވާ އެފްޑީޔޫ-އިންކިންގީއަށް ނިސްބަތްވާ މީހެކެވެ. 29 އަހަރުގެ އެންދެރީމާނާ ގެއްލިފައިވަނީ މިދިޔަ ހަފްތާގައި، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދަތުރުކުރަމުން ދިޔަ މަގުމަތީންނެވެ. ރުވާންޑާގެ ދެކުނު އިރުމަތީގެ ރަށެއް ކަމަށްވާ އެންގޯމާއިން އެންދެރީމާނާ ފުރީ، އުތުރު އިރުމަތީގައިވާ އެންޔަގަތާރޭގައި އޮތް ސިޔާސީ ބައްދަލުވުމެއްގައި ބައިވެރިވުމަށް ޖުލައި 15 ގައެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

ރައީސް ކަގާމޭއާއި ވެރިކަން ކުރާ ރުވާންޑަން ޕެޓްރިއޯރިޓް ފްރޮންޓް (އާރްޕީއެފް) ޕާޓީއާއި ދެކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ކަގާމޭއާއި އޭނާގެ ސަރުކާރާއި ދެކޮޅަށް ތެދުވުމަކީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ފުންމާލުން ފަދަ ކަމެކެވެ. އިދިކޮޅު ފަރާތްތަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށާއި، އަނިޔާ ކުރުމާއި، ނުހައްގުން ޖަލަށްލުމާއި، ވީނުވީއެއް ނޭނގޭ ގޮތަށް ސިޔާސީ މީހުން ގެއްލުވައިލުމަކީ މިހާރު އާންމުވެފައިވާ ކަމެއް ކަމަށް އެ މީހުން ތުހުމަތުކުރެއެވެ.

މި ތުހުމަތުތަކަށް ހެކިދޭ އެތައް ހާދިސާއެއްވެސް ފަހަކަށް އައިސްވަނީ ހިނގާފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ އެފްޑިޔޫގެ ރައީސް ވިކްޓޮއަރ އިންގަބީރޭގެ އަރިސް މީހެއް ކަމަށްވާ 30 އަހަރުގެ އަންސެލްމޭ މުތުޔިމާނާގެ މަރެވެ. އޭނާގެ މަރުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ކަށަވަރު ކުރެވިފައި ނުވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ މާރިޗް މަހު ރުވާންޑާގެ ހުޅަނގު ދެކުނު ސަރަހައްދެއްގެ ޖަންގަލީ ތެރެއިންނެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު، އެފްޑީޔޫގެ ނާއިބު ރައީސް ބޮނިފީކާ ޓުވަގިރިމާނާވަނީ، އޭނާ ހައްޔަރުކޮށްފައިވާ ޖަލުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭނާ ހައްޔަރުކޮށް ބަހައްޓާފައި ހުރީ ރައްކާތެރިކަމުގެ ގޮތުން އެންމެ މަތީ ފަންތީގެ ޖަލެއްގައެވެ. އޭނާއާއިއެކު، ސަރުކާރު ވައްޓައިލާން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އެފްޑީޔޫގެ އިތުރު އަށް މެމްބަރަކު ޖަލަށްލާފައި ވެއެވެ. އޭނާ ވީނުވީއެއް ނޭނގި ގެއްލުމުން ރުވާންޑާގެ ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސަރވިސްއިން ބުނީ، އޭނާ ޖަލުން ފިލާފައިވާ ކަމަށެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުގެ މެއިމަހުވެސް އެެފްޑީޔޫގެ އިސް މެމްބަރެއް ކަމަށްވާ ރޯން ޑަމަސްކީން ހަބަރުގިރާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ތިން ދުވަސް ފަހުން އޭނާގެ ހަށިގަނޑާއި ހަވާލުވާން އޭނާގެ ޢާއިލާއަށް ގުޅާފައިވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ ހޮސްޕިޓަލަކުންނެވެ. އެފްޑީޔޫއިން ތުހުމަތު ކުރާ ގޮތުގައި، އޭނާ މަރާލުމުގެ ފަހަތުގައިވަނީ ރައީސް ކަގާމޭއާއި އޭނާއަށް ވަފާތެރި ފަރާތްތަކެވެ.

އޭގެ ކުރީ އަހަރުގެ މާރިޗު މަހުވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ އިލުމިނީ އިރަގޭނާވެސް ވީނުވީއެއް ނޭނގި ގެއްލުނީއެވެ. އަދި، އޭނާގެ ހަށިގަނޑު މިހާތަނަށް ފެނިފައެއް ނުވެއެވެ.

"މިފަދައިން ގަދަކަމުން ވީނުވީއެއް ނޭނގޭ ގޮތަށް މީހުން ގެއްލުވައިލުމަކީ ރުވާންޑާގައި އައުކަމެއް ނޫން. މިއީ، ވަރަށް އާންމު ކަމެއް،" އިންސާނީ ހައްގުތައް ހިމާޔަތްކުރާން މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ. އެ ޖަމްއިއްޔާއިން މިހާރުދަނީ، ރުވާންޑާގެ ސަރުކާރުން ހިންގާ މިފަދަ ޖަރީމާތަކުގެ ހެކި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.