ހަރުފައަކާއިހެދި ނައިޖީރިއާގެ އޮންދޯ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީސް ހުއްޓުމަކަށް އައިސް، ޖަލްސާތައް މެދުކަނޑައިލާން ޖެހިއްޖެއެވެ.

އޮންދޯ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ ތެރެއިން ބޮޑު ހަރުފައެއް ފެނިފައިވަނީ ޖަލްސާއެއް ހިނގަމުންދިޔަ ވަގުތެވެ. އެވަގުތު ޖަލްސާކުރާ މާލަމުގައި ތިބި މެމްބަރުން ބުނީ، ހަރުފަ މާލަމުުގެ ތެރެއަށް ވެއްޓުނީ ސީލިން ފަޅައިގެން ގޮސް ކަމަށެވެ. ހަރުފައާއިއެކު ސީލިންގްގެ ބައެއް ވެއްޓުނު ކަމަށްވެސް އެ ފަރާތްތަކުން ބުންޏެވެ.

ިމި ހާދިސާގައި ހަރުފައިގެ ސަބަބުން އެއްވެސް މެމްބަރަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، މިކަމާއި ގުޅިގެން އޮންދޯ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. ސަބަބަކީ، އެ ހާދިސާއާއި ގުޅިގެން މާލަމުގެ ސީލިންގްއަށް ލިބުނު ގެއްލުންތަކާއި ހެދިއެވެ. ސީލިންގްއިން ބޮޑު ބައެއް ވެއްޓުނީ މަޖިލީހުގެ ރައީސް އިންނެވި ދިމާ މަތީންނެވެ. އަޅައިނުވެލި ގިނަ އަހަރުތަކެއް ވުމާއި ގުޅިގެން، އޮންދޯ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތްވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އޮންދޯ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ބުނީ، އެ މަޖިލީހުގެ އިމާރާތް މަރާމާތު ކުރުމާއި ބެހޭ ގޮތުން ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިފަދަ ހާދިސާއެއް 2017 ވަނަ އަހަރުވެސް ހިނގާފައިވެއެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައެއް ނޫނެވެ. އެފަހަރު ހާދިސާ ހިނގާފައިވަނީ ރިޔާސީ ގަނޑުވަރުގައެވެ. ބޭސްފަރުވާއަކަށް ބޭރަށް ވަޑައިގެއްނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން ރައީސް މުޙައްމަދު ބުހާރީއަށް ރިޔާސީ ގަނޑުވަރަށް ވަދެވަޑައެއް ނުގަނުވުނެވެ. ސަބަބަކީ، އޭނާ ގައުމުން ބޭރުގައި ހުންނެވި ދުވަސްވަރު އެތަނުގެ ތެރެއަށް މީދާތަކެއް ވަދެ، ހާލިހަދައި، އެތައް ހިސާރުކުރުމެވެ.