މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އީރާނުގެ 88،000 މުސްލިމުން ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

އީރާނު ހައްޖު އޮފީހުގެ ވެރިޔާ ނާސިރު ޖާބިރު ހުވައިޒަވީ ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ދިޔަ އީރާނުގެ ހައްޖުވެރިންނަށް މަދީނާގެ ޕްރިންސް މުހަންމަދު ބިން އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓާއި، ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ވަރަށް ފުރިހަމަ ޚިދުމަތްތަކާއި، މެހްމާންދާރީއެއް ލިބިގެންދިޔަ ކަމަށެވެ.

އީރާނު ހައްޖު އޮފީހުގެ ވެރިޔާވަނީ، ސައުދީ އަރަބިއްޔާއަށް ވަޑައިގެން މަދީނާގެ ގަވަރްނަރު އަމީރު ފައިސަލް ބިން ސަލްމާންއާވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.

ހައްޖުގެ އަޅުކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް އަންނަ މުސްލިމުންނަށް ސައުދީ އެއަރޕޯޓްތަކުން ފުރިހަމަ ޚިދުމަތް ދިނުމާއި، ހައްޖުވެރިންނަށް ފުރިހަމަ މެހްމާންދާރީއެއް އަދާކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ކުރަމުން ގެންދަނީ ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިންނެވެ.

އީރާނު ހައްޖު އޮފީހުގެ ވެރިޔާ ނާސިރު ޖާބިރު ހުވައިޒަވީ ވަނީ، ސައުދީ ސަރުކާރުން މަދީނާއަށް ގެންނަމުންދާ ބޮޑެތި ތަރައްގީތަކަށް ތައުރީފް ކުރައްވާފައި،، އޭނާ ވިދާޅުވީ، މަދީނާއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ހައްޖަށާއި އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް އަންނަ މުސްލިމުންގެ އަދަދު ކުރިއަށްއޮތް އަހަރުތަކުގައި ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ސައުދީ އަރަބިއްޔާއަށް ޖަމާވާން ފަށާފައި ވާއިރު، ދެ ހަރަމްގެ ރިޔާސަތު މި ދައުރުގައި ބަލަހައްޓަވާ ޝައިޚް އަބްދުއްރަހްމާން އަލް ސުދައިސްވަނީ، ހައްޖުގެ އަޅުކަމުގެ ތެރޭގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ގޮވާލައްވާފައެވެ.

ހަމަ އެއާއެކު، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާ ފުލުހުންގެ އޮފިސަރުންނަށާއި، އެނޫން އޮފިޝަލުންނަށް އެއްބާރުލުން ދެއްވުމަށްވެސް ޝައިޚް އަބްދުއްރަހްމާން އަލް ސުދައިސްވަނީ ގޮވާލައްވާފައެވެ.