ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިންތިޒާރުކޮށްގެން ޚާއްސަ ކަރޯކޭ ނައިޓެއް ބާއްވައިފިއެވެ.

ދިވެހިންގެ ފަޚުރުވެރި 54ވަނަ މިނިވަން ދުވަހުގެ ރޭ އައިސީސީ މިއުޒިކް ހޯލްގައި ކުރިއަށް ގެންދިޔަ މި ޚާއްސަ ކަރޯކޭ ނައިޓްގައި ގިނަ ފަންނާނުން ވަނީ ލަވަ ހުށައަޅައިދީފައެވެ.

ދިވެހި ފަންނާނުންނަށް ތަފާތު ފުރުސަތުތައް ހޯދާދިނުމާއި، މި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައިސީސީގެ ކަރޯކޭ ނައިޓާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތުދެއްވަމުން އައިސީސީގެ އިސް ބޭފުޅަކު ވިދާޅުވީ ކުރިއަށް އޮތްތާ ކޮންމެ މަހަކު އެއްފަހަރު މިފަދަ ކަރޯކޭ ނައިޓެއް ކުރިއަށް ގެންދިއުމަށް ގަސްތުކުރާކަމަށެވެ. އެކަމުގެ މައިގަނޑު މަގްސަދަކީ މިއުޒިކުގެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ފުރުސަތު ތަނަސްކޮށްދިނުންކަމަށެވެ.

އަދި މި ދާއިރާގައި ހަރަކާތްތެރިވާ ދުވަސްވީ ތަޖުރިބާކާރުންނާއި، ޒުވާން ފަންނާނުން އަދި އަލަށް ދާއިރާއަށް ނިކުން ފަރާތްތައް ބަދަލުވެ، ތަޖުރިބާ ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ކަރޯކޭ ނައިޓް ބޭއްވުމުގެ މަގުސަދެއްކަމަށެވެ. މީގެ އިތުރުން ފަންނާނުންނަށް އެއް ތަނަކުން ބައްދަލުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ވަރަށް ބޮޑު މަގްސަދެއްކަމަށްވެސް އައިސީސީން ވަނީ ބުނެފައެވެ.

އައިސީސީގެ ފުރަތަމަ ކަރޯކޭ ނައިޓްގައި ދިވެހިންނާއި، އިންޑިއާގެ ރައްޔިތުން ވަނީ ލަވަ ހުށައަޅައިދީފައެވެ. އެގޮތުން އޮލިންޕިއަންސްގައި ކުރިން ލަވަ ވިދާޅުވި ބައެއް ބޭފުޅުންނާއި، ރާއްޖޭގައި ބޭއްވުނު ލަވަ މުބާރާތްތަކުން ފާހަގަކޮށްލެވުނު ބައެއް ލަވަކިޔުންތެރިންވެސް ވަނީ ލަވަ ހުށައަޅައިދީފައެވެ.

އައިސީސީގެ ކަރޯކޭ ނައިޓް ހުށައަޅައިދިނީ ކުޅަދާނަ ހުށައެޅުންތެރިޔާ ސުހާނާ އަބްދުއްރަހީމެވެ.