ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން "ލީނާ"ގެ ޝޯތައް މިހާރު އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. "ލީނާ" މިމަހުގެ 23ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައި ދައްކަމުންދާއިރު، ހައުސްފުލް 5 ޝޯ ވަނީ ދައްކާފައެވެ.

"ލީނާ" މިހާތަނަށް ބެލި، ބެލުންތެރިން ތިބީ ފިލްމާއިމެދު ހިތްހަމަޖެހިފައެވެ. ކޮންމެ ރެއަކު ފިލްމު ބަލާފައި ނިކުންނަ ބެލުންތެރިން ފިލްމުގެ ރީތި ވާހަކަ ދައްކައެވެ. މޮޅުކަމުގެ ވާހަކަ ދައްކައެވެ. މުއާގެ މަސައްކަތަށް ތައުރީފުކުރެއެވެ.

"ލީނާ"އަކީ މޮޅު، ރީތި މަސައްކަތެއްގެ އިތުރަށް، މިއީ ފިލްމީ ދާއިރާވެސް އެހެން ހަރުފަތަކަށް ގެންގޮސްދިން ފިލްމެކެވެ. "ލީނާ"އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މިހާތަނަށް އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާމު ރަނގަޅުކޮށް ޝޫޓިންގެ ކަންކަން ކުރިއަށް ގެންދެވުނު ފިލްމުކަމުގައި ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެކަން ފިިލްމުގައި ހަރަކާތްތެރިވި ހުރިހާ ތަރިންވެސް ވަނީ ފާހަގަކޮށްފައެވެ.

މި އާރޓިކަލްގައި މި ބަލާލަނީ ކުޅަދާނަ ބަތަލާ، މަރިޔަމް އައްޒަގެ ބަހެވެ. "ލީނާ"ގައި އެންމެ މުހިންމު ރޯލުން ފެނިގެންދަނީ އައްޒައެވެ.

އައްޒަ ބުނީ "ލީނާ"އަކީ ވަރަށް ރީތި ސްކްރީންޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ ހިތްގައިމު ރީތި ފިލްމެއްކަމަށެވެ. ފިލްމުގެ ފެށުމާއި، ނިމުން ރީތި ބެލުންތެރިންނަށް ކަމުދާނެ ފިލްމެއްކަމަށެވެ.

"އެންމެ ޚާއްސައީ ފިލްމުގެ ވާހަކަ. ފިލްމުގެ ހުރިހާކަމެއްވެސް އަސްލު ވަރަށް ޚާއްސަ. މިއީ ބްރޭކަކަށްފަހު މުއާ އެނބުރި އައިސް ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ މަސައްކަތް. އެހެންވީމަ އެއީވެސް "ލީނާ"ގެ ޚާއްސަކަމެއް." އައްޒަ ބުންޏެވެ.

ތިރީގައި މިވަނީ އައްޒަގެ އިންޓަވިއުއެވެ.