ފްރާންސްގެ ލިލްއަށް ކުޅޭ އައިވަރީ ކޯސްޓުގެ ހުނަރުވެރި ކުޅުންތެރިޔާ ޕެޕޭ ބޮޑުއަގުގައި އާސެނަލަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕެޕޭ އާސެނަލަށް ބަދަލުވެފައިވަނީ 72 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާގެ ޓްރާންސްފާ ފީ ދެއްކުމަށް އެއްބަސްވެފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކްލަބާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އަދި ޕެޕޭއާ އެކު އެއްބަސްވުމަކަށް ނާދެވޭ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އިޓަލީގެ ނާޕޮލީން ވެސް މި އަގުގައި ޕެޕޭ ގަންނަން އެއްބަސްވި ނަމަވެސް އެ ޓްރާންސްފާ ފެއިލްވީ ކުޅުންތެރިޔާއާ އެކު އެއްބަސްވުމަކަށް ނާދެވުމުން ކަމަށް ނާޕޮލީން ބުނެފައިވެ އެވެ.

އުމުރުން 24 އަހަރުގެ ޕެޕޭ ވަނީ މިދިޔަ ސީޒަންގެ ތެރޭގައި ލިލްއަށް 23 ގޯލު ޖަހައި ދީފަ އެވެ. ލިލްގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާއި ގުޅިގެން އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތް ކޮށްފައިވެ އެވެ. ހާއްސަކޮށް ބޮޑެތި ކުލަބުތަކުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ.

އާސެނަލްއިން ކްރިސްޓަލް ޕެލެސްއަށް ކުޅުމުން އަންނަ ވިލްފްރެޑް ޒަހާ ގަންނަން 40 މިލިއަން ޕައުންޑް ހުށައެޅުމަށް ފަހު އެ މަސައްކަތް ހުއްޓާލީ 80 މިލިއަން ޕައުންޑް ހުށައެޅުމަށް ޑިމާންޑް ކުރުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަހަރުގެ ސީޒަނަށް ތައްޔާރުވާ އާސެނަލް އިން ވަނީ އެ ޓީމު ވަރުގަދަ ކުރުމަށް ބޮޑެތި ކުޅުންތެރިންނަށް ފާރަލާން ފަށާފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްހޫރު ކުޅުންތެރިންތަކެއް އާސެނަލަށް ސޮއިކުރާނެ އެވެ.