އަފްޣާނިސްތާނު ސަރުކާރާއެކު ސީދާ ވާހަކަތައް ބާއްވަން ބޭނުން ނުވާކަމަށް، އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ބުނެފިއެވެ.

އެ ޖަމާއަތުން މިހެން ބުނެފައިވަނީ، ތާލިބާން ޖަމާއަތާއި، އަފްޣާނިސްތާނު ސަރުކާރާ ދެމެދު ބާއްވާ ސީދާ ވާހަކަތައް ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޭއްވޭނޭ ކަމަށް ސަރުކާރުގެ އިސް ވަޒީރަކު ނެރުއްވި ބަޔާނެއްގައި ހާމަކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެމުންނެވެ.

އަފްޣާން ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ޕީސް އެފެއަރޒް އަބްދުއް ސަލާމް ރާހިމީ ވިދާޅުވެފައިވަނީ، ތާލިބާނުންނާ އެކު ކުރިއަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވާ ސީދާ ވާހަކަތަކަށް ސަރުކާރުގެ ފަރާތުން 15 މެމްބަރުން ހިމެނޭ ވަފުދެއް ބައިވެރިވާނޭ ކަމަށެވެ.

ގަތަރުގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނު ސުލައިލް ޝާހީން ބުނީ، އިންޓްރާ-އަފްޣާން ވާހަކަތަކަށް ތާލިބާނުން ދާނީ، އަފްޣާނިސްތާނުގައި ތިބި ބޭރުގެ ފައުޖުތައް ބާލާކަން ސަރުކާރުން އިޢްލާން ކުރުމަށް ފަހުގައި ކަމަށެވެ.

ތާލިބާން ޖަމާއަތުން އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތައް ބާއްވަމުން ގެންދާތާ އަހަރެއްހާ ދުވަސްވެއްޖެ،، އެހެން ނަމަވެސް، ތާލިބާން ޖަމާއަތުން މިހާތަނަށްވެސް ވަނީ އަފްޣާން ސަރުކާރާއެކު މަޝްވަރާގެ މޭޒުދޮށުގައި އިށީންނަން ދެކޮޅު ހަދާފައެވެ. ތާލިބާނުން ދެކެނީ އަފްޣާނިސްތާނުގައި އޮންނަނީ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތާނުގެ މައްސަލައަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު، ޒަލްމޭ ޚަލީލްޒާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "އިންޓްރާ-އަފްޣާން" އިތުރު ބުރެއްގެ މަޝްވަރާތައް އޮންނާނޭ ކަމަށް،، އެނާ މިހާރުވެސް ވަޑައިގެން އުޅުއްވަނީ ކާބުލްގައެވެ.

ދެން ބާއްވާ މަޝްވަރާތަކުގައި، ތާލިބާނުންގެ އިތުރުން، ސަރުކާރުގެ އިސް ވެރިންނާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި، މަދަނީ ޖަމާއަތްތަކާއި އަންހެނުން ތަމްސީލުކުރާ ސަރުކާރުގެ ގައުމީ މަޝްވަރާ ޓީމުގެ ބޭފުޅުން ވާހަކަތަކުގައި ބައިވެރިވާނޭ ކަމަށްވެސް ޚަލީލްޒާދު ވިދާޅުވެފައިވެއެވެ