ރާއްޖޭގެ ރަށްރަށުގެ ޚާއްސަކޮށް އަތޮޅުތަކުގެ ގިނަ ރަށްރަށުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި ތިބެންޖެހޭ ވާހަކަ އަކީ އަބަދުމެ ކެނޑިނޭޅި އިވެމުންދާ ވާހަކަތަކެކެވެ. ޚާއްސަކޮށް ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ލަފާ ފުރުމުގެ ދަތިކަން އަދި ރަށުގައި ތިބެގެން އާއްމުދަނީ ލިބުމުގެ ފުރުސަތު އެންމެ އެދެވޭ ގޮތުގައި ލިބެމުން ނުދާކަމުގެ ޝަކުވާ އަކީ އަބަދުވެސް އެ ރައްތަކުގެ ރައްޔިތުން ކުރަމުންދާ ޝަކުވާއެކެވެ.

ރާއްޖޭގައި ކަނޑުފަޅުގެ ގުދުރަތީ މުއްސަނދިކަމަށް މަޝްހޫރު ބަޔޯސްފިޔަރ ރިޒާވް ހިމެނޭ ބ. އަތޮޅު ކިހާދޫގެ ރައްޔިތުންގެވެސް ޝަކުވާ އަކީ މިއިީއެވެ.

އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ އަދި ޚާއްސަކޮށް ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އެ ދަތިކަން އެރަށުގެ ރައްޔިތުން އިހުސާސް ކުރަމުންދާ މިންވަރު ހާމަވެގެންދަނީ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ކިހާދޫ ބަނދަރުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކުންނެވެ. ކިހާދޫ ބަނދަރުގެ ހާލަތަށް ބަލާއިރު ފެނިގެންދަނީ މިއިން ޒަމާނެއްގައި އެއްވެސް ވަރަކަށް އެ މައްސަލައަށް ސަރުކާރުތަކުން އަޅައިނުލައި އޮތް މަންޒަރެވެ.

ކިހާދޫގެ ބަނދަރުގެ ހާލަތު މިހެން އޮތްއިރު އެކަމުގައި އެރަށުގެ ރައްޔިތުން، ޒުވާނުންގެ އުދާސްތައް ހަމައެކަނި ސޯޝަލް މީޑިއާ އިން އެކަނިވެސް ހާމަވެގެންދެއެވެ.

"އަޅުގަނޑުމެންނަކީވެސް ދިވެހިރައްޔިތުން. ލަފާފުރޭނެ ރައްކާތެރިކަމެއް ނެތި ރަށުބަންދުގަ." މިވެސް ކިހާދޫގެ ރައްޔިތެއްގެ ޝުއޫރެވެ.