އިމިގްރޭޝަން ގަވާއިދާ ޚިލާފްވެގެން ސްރީލަންކާއިން 521 މީހުން ޑީޕޯޓް ކޮށްލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިރޭޝަނުންނެވެ.

އެ ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވީ، ސްރީލަންކާގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ 1،400 މީހެއްގެ މައްސަލަ އިމިގްރޭޝަން ޑިޕާޓްމަނމްޓުގެ އޮފިޝަލުން ތަހްގީގު ކުރަމުންދާ ކަމަށާއި، އެގޮތުން، ތަހްގީގު ތަކަށްފަހު މިހާތަނަށް 521 މީހުން ސްރީލަންކާއިން ބޭރުކޮށްލާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ވިސާގެ މުއްދަތު ހަމަވުމަށްފަހު ވެސް ސްރީލަންކާގައި އުޅެމުންދަނިކޮށް މިހާތަނަށް 154 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންވެސް މިވަގުތު ހައްޔަރު ކޮށްފައިތިބީ މިރިހަނަ ޑިޓެންޝަން ސެންޓަރުގައި ކަމަށް، އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އުސޫލާ ޚިލާފްވެގެން ސްރީލަންކާއިން ބޭރުކޮށްލީ ކޮން ގައުމުތަކެއްގެ ބައެއް ކަމެއް އިމިގްރޭޝަން ޑިޕާޓްމަންޓުން ހާމައެއް ނުކުރެއެވެ. އަދި ވިސާގެ މުއްދަތު ހަމަވުމަށްފަހުވެސް ސްރީލަންކާގައި އުޅެނިކޮށް ހައްޔަރު ކޮށްފައިވާ 154 މީހުންނަކީވެސް ކޮން ގައުމުތަކެއްގެ ބައެއް ކަމެއް ނުބުނެއެވެ.

މިއަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދެވުނު ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ކުއްލި އަމުރުގެ ގާނުނޫ ހިންގައި، ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ގެންދަނީ ބޮމުގެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ މީހުން ހޯދުމަށާއި، ޓެރަރިޒަމްގެ ނުރައްކާ އޮވެދާނެ ކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކޮށް، ތުހުމަތުކުރެވޭ މީހުންނާއި ސުވާލުކޮށް، ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރަމުންނެވެ.

ކުއްލި އަމުރުގެ ގާނޫނު، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މި ހަފްތާގައި އިތުރު އެއްމަސް ދުވަހަށް މުއްދަތު އިތުރު ކުރެއްވިއިރު، ސަލާމަތީ ބާރުތަކުން މުޅި ސްރީލަންކާގައި ހިންގަމުންގެންދާ އޮޕަރޭޝަންގެ ދަށުން، ސްރީލަންކާގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންނާއި، ވިސާގެ މުއްދަތު ހަމަވުމަށްފަހު އުޅެމުންދާ މީހުންވެސް ގެންދަނީ ހޯދަމުންނެވެ.

ބޮމުގެ ހަމަލާތަކާ ގުޅުންހުރި ކަމަށް ޝައްކު ކުރެވިގެން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާތަނަށް ސަތޭކައަށްވުރެ ގިނަމީހުން ހައްޔަރުކޮށް ގެންދަނީ ސުވާލު ކުރަމުންނެވެ.

ބޮމުގެ ހަމަލާތަކުގައި ސީދާ ގޮތެއްގައި ބައިވެރިވާ އެންމެން މިހާރު މަރާލެވި ނުވަތަ ހައްޔަރު ކުރެވިފައިވާ ކަމަށް، ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.