ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއާއި، ކުށްވެރިންގެ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި، އުމުރުން 18 އަހަރުނުވާ ފަލަސްތީނުގެ 200 އަށްވުރެ ގިނަ ކުދިން މިހާރުވެސް ހައްޔަރުކޮށްފައި އެބަތިބި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީނުގެ ގްރޫޕެއް ކަމަށްވާ ބީޓީސެލެމްއިން ބުނެއެވެ.

އެ ޖަމާއަތުން ބުނެފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ ހާހެއްހާ ކުޑަކުދިން ހައްޔަރު ކުރި ކަމަށެވެ.

އިސްރާއީލުން ހައްޔަރުކުރާ ފަލަސްތީނު ގިނަ ކުޑަކުދިން ހައްޔަރުކުރާ ވަގުތުން ފެށިގެން އެކުދިންނަށް ޖިސްމާނީ އަނިޔާކުރުމާއި، ނަފްސާނީ އަނިޔާކުރުމަކީ އާންމު ކަމެކެވެ. އަދި ތަހްގީގު ކުރުމުގެ ނަމުގައި ބުލީކޮށް ގަދަބާރުން ކުށްކުރި ކަމަށް އިޢްތިރާފް ކުރުވުމާއި، ބިރުދެއްކުމަކީވެސް އާންމު ކަމެއް ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ހައްޔަރުކޮށް ޖަލުގައި މިހާރު ބަންދުކޮށްގެންއުޅޭ ފަލަސްތީނު ކުޑަކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންގެ މައްޗަށް ވަނީ އޮށްގާ އުކިކަމުގެ ދައުވާ އުފުލާފައެވެ. އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އިސްރާއީލުން ގެންދަނީ އެކުދިންގެ މައްޗަށް ހަމަހަށް ޖަލަށް ލުމުގެ ހުކުމްވެސް އިއްވަމުންނެވެ. އެކުދިންގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް އިއްވަނީ އިސްރާއީލުގެ އަސްކަރީ ކޯޓުތަކުންނެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބި ކުޑަކުދިންގެ ތެރޭގައި އަންހެންކުދިންވެސް އެބަތިއްބެވެ. އިސްރާއީލުން ފަލަސްތީނު ގިނަ ކުދިން ހައްޔަރު ކުރަނީ ރޭގަނޑުގެ ދަންވަރު ފަލަސްތީނުގެ އަވަށްތަކަށް ވަދެގަނެގެންނާއި، ފަލަސްތީނު މީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ވަގުތުތަކުގައެވެ.

އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ރަށްތަކުން ހައްޔަރުކުރާ ކުޑަކުދިންނަށް އެކުދިންގެ މައިންބަފައިންނާއި އަދި އާއިލާއާ އެއްވެސް މުއާމަލާތެއް ކުރުމުގެ ފުރުސަތެއް އިސްރާއީލުން ނުދެއެވެ. ނުވަތަ ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތުވެސް ނުދެއެވެ.

އެހެންވެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ހަމޯކެދު ނަމަކަށްކިޔާ ގްރޫޕަކުން މިހާރުވަނީ، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ކުޑަކުދިންނަށް އެކުދިންގެ އާއިލާއާ މުއާމަލާތް ކުރެވޭނޭގޮތް ހެދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، އެ ގްރޫޕުން މިހާރުވަނީ މިކަމާ ގުޅޭ ޕެޓިޝަނެއް އިސްރާއީލުގެ ކޯޓްތަކަށް ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި އެދިފައިވަނީ، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ކުޑަކުދިންނަށް އެމީހުންގެ އާއިލާއާ މުއާމަލާތް ނުކުރެވޭގޮތަށް އިސްރާއީލުގެ ސަލާމަތީ ފަރާތްތަކުން މިހާރު ކަނޑައަޅާފައިވާ އުސޫލު ބަދަލުކޮށް ދިނުމަށެވެ.

އެ ގްރޫޕުން ބުނެފައިވަނީ، ކުޑަކުދިން އެގޮތަށް ހައްޔަރުކޮށް އެއްވެސް މީހަކާ ވާހަކަ ދެއްކުމުގެ ފުރުސަތުނުދީ ޝަރީއަތް ހިންގައި ހުކުމް ކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، މައިންބަފައިންނާ ފޯނުން ވާހަކަ ދައްކާލަން ފުރުސަތު ލިބުމަކީވެސް އެކުދިންގެ ނަފްސަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނޭ ކަމެއް ކަމަށެވެ.