ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާއިލީ ދިރިއުޅުމެއް ލިބޭނެ މަގު މިސަރުކާރުން ފަހިކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއަށްއޮތް 5 އަހަރުގެ މާސްޓާ ޕްލޭން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުންގެ ދިރިއުޅުމުގައި ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ވަގުތެއް ވަޒީފާއަށް ހުސްކޮށްގެން މަސައްކަތް ކުރާއިރު އާއިލާއާއެކު ވަގުތު ހޭދަކުރާނެ ވަގުތެއް އެމީހުންނަށް ލިބެނީ މަދު ފަހަރެއްގައި ކަމަށެވެ. އެމީހުންގެ ދިރިއުޅުމުގައި ލިބެންޖެހޭ ހައްގުތައް އެހެން މީހުންނެކޭ އެއްފަދައިން ލިބެންޖެހޭނެ އުސޫލެއް މިސަރުކާރުން ގާއިމުކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ކުރިއަރުވަނީ ފަތުރުވެރިކަމުންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހެން މީހުންނެކޭ ހަމަހަމަ އުސޫލެއްގެ މަތިން ހުރިހާ ޚިދުމަތެއްވެސް ލިބެންޖެހޭނެ ކަމަށެވެ. މިއަދު ރާއްޖެ މިހޯދާފައިވާ މުއްސަނދިކަން ހޯދާފައިވަނީ ފަތުރުވެރިކަމުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ދޭނެ ކަމަށް ސާފުބަހުން އައީ ބުނަމުން ކަމަށެވެ. އަދި މި ސަރުކާރު އައީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ހައްގުގައިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ރައްޔިތުންގެ ހިތްތަކަށް ފިނިކަމެއް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

ރައީސް ނަޝީދު ވަނީ މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ދަފުތަރު އިފުތިތާހުކޮށްދެއްވާފައެވެ.