ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިއާގެ އުފަންދުވަސް ފާހަގަކުރުމުގެ ޚާއްސަ އިހްތިފާލުތަކުގެ ތެރޭގައި ހިމެނިގެން، ބްރޫނާއީގެ ރަސްގެފާނާއި، އެގައުމުގެ އާންމުންނާ ސީދާ ސީދާ ބައްދަލު ކުރެއްވުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ، އާންމު އުސޫލުތަކާ ޚިލާފަށް، އާންމު ރައްޔިތުން ރަސްގެފާނާ ބައްދަލު ކުރައްވައި ސަލާމް ކުރެއްވުމާއި، މަރްހަބާ ދެންނެވުމަށް ލިބޭ ޚާއްސަ ފުރުސަތެކެވެ. މި ބައްދަލުވުމުގައި ރަސްގެފާނުގެ އާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ސަލާމް ކުރެއްވުމުގެ ފުރުސަތުވެސް އާންމު ރައްޔިތުންނަށް ލިބެއެވެ.

އާދައިގެ ފަހަރުތަކުގައި އަންމު ރައްޔިތަކު ރަސްގެފާނަށް ސިޓީއެއް ފޮނުވަން ޖެހިއްޖެނަމަ އެކަމުގައި އަމަލުކުރަން އޮންނަ އުސޫލުތަލުގެ ބޭރުން، މި ބައްދަލުވުމުގައި ސީދާ ރަސްގެފާނުގެ އަތްޕުޅަށް ސިޓީ އެރުވުމުގެ ފުރުސަތު އާންމުންނަށް ލިބިދެއެވެ. އެ ސިޓީތަކަކީ، އާންމުން ރަސްގެފާނާ ހިއްސާކުރަން ބޭނުންވާ ވާހަކަތަކާއި، ކަންބޮޑުވުންތަކާއި، މުހުތާދުތައް ބަޔާންކޮށްފައި ހަވާލުކުރާ ސިޓީތަކެކެވެ.

ރަސްގެފާނާ ބައްދަލު ކުރެއްވުމުގައި، ބްރޫނާއީގެ އިދާރީ ވަކިވަކި އަވަށްތަކާއި، ކްލަބް ޖަމްވިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބެއެވެ.

ރަސްގެފާނާއި، އާންމު ރައްޔިތުންނާ ސީދާ ސީދާ ބައްދަލު ކުރެއްވުން މިފަހަރުވެސް ބާއްވާފައިވަނީ، ބްރޫނާއީ ރަސްކަމުގެ އިދާރީ ޑިސްޓްރިކްޓް ކަމަށްވާ ބްރޫނާއީ-މުއާރާ ޑިސްޓްރިކްޓްގައެވެ. އެ ޑިސްޓްރިކްޓްގެ ތިން އަވަށެއްގައި މިކަން ބާއްވާފައިވެއެވެ.